ޓީޗަރުންގެ މުސާރައިގެ ބޮޑު ކުރިއެރުން ސަރުކާރުން އިއުލާން ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިގެ ބޮޑު ކުރިއެރުން ސަރުކާރުން އިއުލާން ކުރައްވައިފިއެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ. މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.
ރައީސް ވިދާޅުވީ ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭ ވަރަށްވުރެ މާމަތިވެރި ކަމެއްކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މިހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ޤަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. މުސާރައަށް މިގެނައި ބަދަލުތަކުގެ ތަފްޞީލްތައް، ކަމާގުޅޭ ވަޒީރުން ތިޔަ ބޭފުޅުންނާ ޙިއްސާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާ އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ ކަމަށެވެ. މިގޮތުން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތް ހަނދާން ނައްތައެއް ނުލާކަމަށާއި، ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދަނީ ދިރާސާކުރަމުން ކަމުގައެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުން ކަމަށާއި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް މިގެނައި ބަދަލަކީ، ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުވުމުން، ޤައުމު ބިނާކުރުމުގެ މުޅިން އާ ބާބެއް ފެށިގެންދާނެކަމަށެވެ. އަދި ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިވާ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ދިވެހިން އެދޭ ގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ޤައުމު ބިނާކޮށް އާރާސްތުކުރުމަށްވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

