އަތޮޅު ކައުންސިލް އުވާލުމަށް ފާސްކޮށް، މެންބަރުންގެ ގޮނޑީގެ އިސްލާޙުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙުގެ މުހިންމު ބައެއް އުނިކުރުމަށްފަހު، އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ހުށަހެޅުނު އިސްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ދެ އިސްލާޙު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅި އިސްލާޙުގައިވާ އެ މާއްދާ އުނިކުރަން މެންބަރުން ނިންމީ، އޭގެ ސަބަބުން ދެ ފަހަރަށް އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެތީކަމަށް ބުނެއެވެ. މުޅި މަޖިލީހުގެ ކޮމިޓީގައި މިކަން ދިރާސާ ކުރިއިރު، ރައްޔިތުން މެންބަރުން އިންތިޚާބު ކުރަނީ ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާތީ، ޕާޓީން ވަކިކުރާ ހާލަތުގައި އަލުން އިންތިޚާބު ބޭއްވުން ރަނގަޅު ކަމަށްބުނެ ގިނަ މެންބަރުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލް އުވާލުމަށް ހުށަހެޅުނު އިސްލާޙަށް ގިނަ މެންބަރުންގެ ތާއީދު ލިބުނުއިރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ވެސް މި އިސްލާޙު ފާސް ކުރުމަށެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، ޤާނޫނު އަސާސީ އިސްލާޙުކޮށް އަތޮޅު ކައުންސިލް އުވާލުމަށް މަޖިލީހުން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ.



