ދިވެހިރާއްޖެއިން ޞިއްޙީ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ޚާއްޞަ އެވޯޑެއް އަރުވައިފިއެވެ.
މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ޒުވާން އުމުރުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި، 2030 ވަނަ އަހަރުގެ ސުންގަޑީގެ ހަތަރު އަހަރު ކުރިން ޙާޞިލުކޮށްފައިވާތީއެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން މި ލަނޑުދަނޑި މިހާތަނަށް ޙާޞިލުކުރި ހަމައެކަނި ޤައުމަކީ ރާއްޖެއެވެ.
މި ޚާއްޞަ އެވޯޑު ދިވެހިރާއްޖެއާ ހަވާލުކޮށްދެއްވީ ޓިމޯ ލެސްޓޭގައި ކުރިއަށްދާ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ. އަދި ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ޞިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.
މި ކާމިޔާބީގެ އިތުރުން، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެޓާނަލް އަދި ނިއޯނޭޓަލް ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރު ފުރި، އެކަން ރަނގަޅަށް ދަމަހައްޓާފައިވާތީވެސް ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖޭގެ މަސައްކަތް ފާހަގަކޮށް ތަޢުރީފުކޮށްފައެވެ. ސަރުކާރާއި މުޅި މުޖުތަމަޢު ގުޅިގެން ކުރި މަސައްކަތުން ހޯދީ މިފަދަ ކާމިޔާބީތަކަކީ ޤައުމަށް ލިބުނު ބޮޑު ފަޚުރެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...