ތުރުކީގެ އޭވިއޭޝަން ފާމަކަށް ނިރުބަވެރި ހަމަލާއެއް ދީ ތިން މީހުން މަރާލައިފި

މަތިންދާބޯޓާއި ދިފާއީ ސާމާނު އުފައްދާ ތުރުކީގެ ފާމެއްކަމުގައިވާ ޓުސާސް (TUSAS) އަށް ދިން ނިރުބަވެރި ހަމަލާއެއްގައި 3 މީހުން މަރުވެ، 5 މީހުން ޒަޚަމްވެއްޖެއެވެ.
ތުރުކީގެ ކަހްރަމަންކަޒަން ޕްރޮވިންސްގެ މޭޔަރު ސެލިމް ސިރްޕަންވިދާޅުވި ގޮތުގައި މިއީ ޓެރަރިސްޓް ހަމަލާއެކެވެ. މި ހަމަލާ ދެވުނީ އަންކާރާގެ އުތުރުން 40 ކިލޯމީޓަރު ދުރުގައިވާ ކަހްރަމަންކަޒަންގައި ހުންނަ ޓުސާސްގެ އޮފީހަށެވެ.
ސަލާމަތީ ކެމެރާތަކުން ފެންނަ މަންޒަރުތަކުން ދައްކާގޮތުގައި ހަމަލާ ދިން މީހުންގެ ތެރޭގައި ބެކްޕެކަކާއި އަސްކަރީ ބަޑި ހިފައިގެން ހުރި ފިރިހެނަކާއި، ހަތިޔާރު ގެންގުޅުނު އަންހެނެއް ހިމެނެއެވެ. މި ހަމަލާގައި އޮފީހުގެ މުވައްޒަފުން ރަހީނުކުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އަލް ޖަޒީރާގެ ނޫސްވެރިޔާ ސިނެމް ކޯސެއޯލު ވިދާޅުވި ގޮތުގައި މިއީ ރޭވިގެން ދެވުނު ހަމަލާއެކެވެ. ހަމަލާ ދިން މީހުންނަށް އިމާރާތުގެ ވަދެނިކުމެވާ ދޮރުތަކުގެ މަޢުލޫމާތު އެނގިފައިވާކަން ފާހަގަކުރެވެއެވެ. މި ހަމަލާއަށް މިހާތަނަށް އެއްވެސް ޖަމާޢަތަކުން ޒިންމާ ނަގާފައެއް ނުވެއެވެ.
ނޭޓޯގެ އިސްވެރިޔާ މާކް ރުޓެ މި ހަމަލާ ކުށްވެރިކުރައްވައި، ތުރުކީއަށް އެހީތެރިކަން ފޯރުކޮށްދޭނެކަން އިޢުލާންކުރެއްވިއެވެ.
ޓުސާސްއަކީ ތުރުކީގެ ދިފާޢީ ވަޞީލަތްތަކާއި އަދި މަތިންދާބޯޓު އުފެއްދުމުގެ ދާއިރާގައި އެންމެ މުހިންމު އެއް ކުންފުންޏެވެ. މި ކުންފުނިން އުފައްދާ ތަކެތީގެ ތެރޭގައި ތުރުކީގެ ފުރަތަމަ ހަނގުރާމަ މަތީ މަތިންދާބޯޓު ކަމަށްވާ ‘ކާން’ ހިމެނެއެވެ.
މި ހާދިސާ ހިނގީ އިސްތަންބޫލްގައި ބޭއްވެމުންދާ ދިފާޢީ އަދި މަތިންދާބޯޓު ދާއިރާގެ ބޮޑު ވިޔަފާރި މައުރަޒެއް ކުރިއަށްދަނިކޮށެވެ. ތުރުކީގެ ދިފާޢީ ދާއިރާއިން، ޚާއްޞަކޮށް ބަޔްރަކްޓާ ޑްރޯންތަކުން ލިބޭ އާމްދަނީ 2023 ވަނަ އަހަރު 10.2 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.


