ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމް މަސްކުއަތުން ގެއްލެނީ

އޮރެކްލް ކޯ-ފައުންޑަރ ލެރީ އެލިސަން، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އަރައި، މިހާރު އެ މަގާމުގައި ހުރި އީލޮން މަސްކަށް ވުރެ ކުރި ހޯދުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮރެކްލް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އިންވެސްޓްމަންޓުން ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ލަފާކުރެވި، އެ ކުންފުނީގެ ހިއްސާގެ އަގުތައް މިހާރުވަނީ ބޮޑުތަނުން އުފުލިފައެވެ.
ގާތްގަނޑަކަށް ބައި ގަރުނުވެފައިވާ އޮރެކްލް ކުންފުނީގެ ފައިދާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު، މިކަމާ ގުޅިގެން ހިއްސާގެ އަގަށް އައި ހީނުކުރާ ބަދަލާ އެކު، އުމުރުން 81 އަހަރުގެ އެލިސަންގެ މިލްކިއްޔާތަށް 100 ބިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ.
މިކަމާ ގުޅިގެން އޭނާގެ ޖުމްލަ މިލްކިއްޔާތު މިހާރު ވަނީ 406 ބިލިއަން ޑޮލަރަށް އަރާފައެވެ. ފޯބްސްގެ ރިއަލްޓައިމް ބިލިއަނަޔާ އިންޑެކްސް އިން ދައްކާ ގޮތުގައި ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކުގެ މިލްކިއްޔާތަކީ 440 ބިލިއަނެއްހާ ޑޮލަރެވެ. ނަމަވެސް، ބްލޫމްބާގްގެ ވެލްތު އިންޑެކްސްގައި އެލިސަންގެ މުއްސަނދިކަން މަސްކަށްވުރެ ތަންކޮޅެއް މަތީގައިވާ ކަމަށް ދައްކައެވެ. މި އަދަދުތަކުގެ ތަފާތު އަންނަނީ އެ މީހުންގެ ބޮޑެތި އެސެޓްތަކުގެ އަގު ކަނޑައަޅާ ގޮތުންނެވެ.
އީލޮން މަސްކް، ކަނާތު ފިޔައިގެ ސިޔާސީ މީހުންނަށް ތާއީދު ކުރާކަން ހާމަކުރަމުން ދިއުމުގެ ސަބަބުން މި އަހަރު އޭނާގެ ޓެސްލާ ކުންފުނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވެއެވެ.
މިކަމާ ގުޅިގެން އާންމުންގެ ހިތްހަމަނުޖެހުންތަކެއް ވެސް ވަނީ އުފެދިފައެވެ. ޓެސްލާ އިން ވަނީ 2035 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްވެއްޖެ ނަމަ، މަސްކަށް 1 ޓްރިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ހުށަހަޅާފައެވެ. މި ޕްލޭނަށް ހިއްސާދާރުން ވޯޓުލާނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ އެލިސަން އޮރެކްލްގެ 1.1 ބިލިއަނަށްވުރެ ގިނަ ހިއްސާ އޮންނަ ކަމަށް އެސް އެންޑް ޕީ ކެޕިޓަލް އައިކިއު އިން ބުނެއެވެ. މިއީ ކުންފުނީގެ އިކުއިޓީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެކެވެ.
އޮރެކްލް އިން ލަފާކުރާ ގޮތުގައި މި އަހަރު އެ ކުންފުނީގެ ކްލައުޑް ވިޔަފާރި އާމްދަނީ 77 ޕަސެންޓް އިތުރުވެ، 18 ބިލިއަން ޑޮލަރަށް އަރާނެއެވެ. އަދި އަންނަ އަހަރުތަކުގައި މި އަދަދު 32 ބިލިއަން ޑޮލަރަށް، އެއަށްފަހު 73 ބިލިއަން ޑޮލަރަށް، 114 ބިލިއަން ޑޮލަރަށް އަދި ފަހުން 144 ބިލިއަން ޑޮލަރަށް އިތުރުވެގެން ދާނެ ކަމަށް ލަފާކުރެއެވެ. ޖީއެމްޓީ ހަވީރު 4:30 ގައި އޮރެކްލްގެ ހިއްސާގެ އަގު 40 ޕަސެންޓް އުފުލި ހިއްސާއެއްގެ އަގު 338.00 ޑޮލަރަށް އަރާފައިވެއެވެ.




