އިންޑިއާއިން ބޯހިމެނުން ކުރިއަށް ގެންދިއުމަށް 3 މިލިއަން މުވައްޒަފުން ނެރެނީ

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމުގެ ގޮތުގައި އޮތް އިންޑިއާގެ ރަސްމީ ބޯހިމެނުމުގެ މަސައްކަތް މި އަންނަ ބުދަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިދާރީ ގޮތުން ދުނިޔޭގައި ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު އެއް މަސައްކަތެވެ.
އިންޑިއާގައި އެންމެ ފަހުން ބޯހިމެނުމެއް ބާއްވާފައިވަނީ 2011 ވަނަ އަހަރެވެ. އޭގެ ފަހުން 2021 ވަނަ އަހަރު ބޯހިމެނުން ބޭއްވުމަށް ތާވަލުކުރި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެކި ފަހަރު މަތިން މި މަސައްކަތް ވަނީ ފަސްކުރަން ޖެހިފައެވެ.
އދ. ގެ ޕޮޕިއުލޭޝަން ފަންޑުން އަންދާޒާކުރާ ގޮތުގައި 2023 ވަނަ އަހަރު އިންޑިއާގެ އާބާދީ ވަނީ 1.4 ބިލިއަނަށް ވުރެ އިތުރުވެ، ޗައިނާގެ އާބާދީއަށް ވުރެ ކުރިއަރާފައެވެ. އިންޑިއާގެ އާބާދީގެ ސީދާ އަދަދުތައް އެނގޭނީ 2027 ވަނަ އަހަރުގެ މާރިޗު މަހު ބޯހިމެނުން ނިމުމުންނެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2027 ވަނަ އަހަރުގެ ބޯހިމެނުމުގެ މަސައްކަތުގައި މުޅި ޤައުމުން 3 މިލިއަނަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ. މީގެ ތެރޭގައި މަޢުލޫމާތު އެއްކުރާ މީހުންނާއި، ސުޕަވައިޒަރުންނާއި އެހެނިހެން އިދާރީ މުވައްޒަފުން ހިމެނެއެވެ.
މި ބޮޑު މަޝްރޫޢަށް އިންޑިއާ ސަރުކާރުން ވަނީ 11,718.24 ކްރޯޑް ރުޕީސް (1.4 ބިލިއަން ޑޮލަރު) ކަނޑައަޅާފައެވެ. މި ބަޖެޓަކީ މުވައްޒަފުންނަށް ދޭ އުޖޫރައާއި، ތަމްރީނާއި، އައި.ޓީ އިންފްރާސްޓްރަކްޗާ އަދި ލޮޖިސްޓިކްސްގެ ކަންކަމަށް ޚަރަދުކުރުމަށް ހަމަޖެހިފައިވާ ފައިސާއެވެ.
ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނީ ދެ މަރުޙަލާއަކަށް ބަހާލައިގެން، ކޮންމެ ގެއަކަށް ޒިޔާރަތްކޮށްގެންނެވެ. ފުރަތަމަ މަރުޙަލާގައި ބަލާނީ ގޭބިސީތަކުގެ ތަފުސީލާއި، ދިރިއުޅުމުގެ ޙާލަތާއި، ލިބިފައިވާ ވަސީލަތްތަކުގެ މައްޗަށެވެ. މީގެ ތެރޭގައި ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ލިބިފައިވާ މިންވަރު ހިމެނެއެވެ.
ދެވަނަ މަރުޙަލާ ކުރިއަށްދާނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މި މަރުޙަލާގައި ކޮންމެ ފަރުދެއްގެ އުމުރާއި، ޖިންސާއި، ތަޢުލީމީ ފެންވަރާއި، ވަޒީފާއާއި، ހިޖުރަކުރުމުގެ މަޢުލޫމާތުގެ އިތުރުން، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތާއި ކާސްޓް (ތަފާތު ދަރަޖަތައް) ބަލާނެއެވެ.
މިއީ އިންޑިއާގައި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ ފުރަތަމަ ބޯހިމެނުމެވެ. މަޢުލޫމާތު އެއްކުރުމަށް މުވައްޒަފުން ބޭނުންކުރާނީ ޓެބްލެޓާއި ސްމާޓްފޯނެވެ. އަދި އާންމުންނަށް އަމިއްލައަށް މަޢުލޫމާތު ހިއްސާކުރެވޭނެ މޯބައިލް އެޕްލިކޭޝަނަކާއި ޕޯޓަލްއެއް 16 ބަހަކުން ތައްޔާރުކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މައުލާނާ އާޒާދު ނޭޝަނަލް އުރުދޫ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ޑިޕާޓްމަންޓުގެ ހެޑް، ޕްރޮފެސަރު އަފްރޯޒް އާލަމް “ޢަރަބް ނިއުސް” އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިއީ އިންޑިއާއަށް ތާރީޚީ ކަމެއް ކަމަށެވެ. ސަބަބަކީ މިއީ މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ ފުރަތަމަ ބޯހިމެނުމަށް ވުމުގެ އިތުރުން، 1931 ވަނަ އަހަރުގެ ފަހުން ކާސްޓް ނުވަތަ ދަރަޖަތަކުގެ މަޢުލޫމާތު ހިމަނައިގެން ކުރިއަށްގެންދާ ފުރަތަމަ ބޯހިމެނުން ކަމަށްވާތީއެވެ.



