ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އުފެއްދި މައްސަލައިގައި އެކްސްއޭއައި އަށް ދައުވާކޮށްފި

އީލޮން މަސްކުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި “އެކްސްއޭއައި” އިން އުފައްދާފައިވާ ‘ގްރޮކް’ މޮޑެލް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އުފެއްދޭ މައްސަލައިގައި އެ ކުންފުންޏާ ދެކޮޅަށް ކެލިފޯނިއާގެ ފެޑަރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅީ ތިން އަންހެން ކުއްޖަކު އިސްވެ ތިބެގެންނެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ކުޑަކުދިންނާއި ބޮޑުވެފައިވާ އެކަކެވެ.
މި ދައުވާގައި ބުނެފައިވަނީ، ގްރޮކް އޭއައި މެދުވެރިކޮށް މި ކުދިންގެ އަސްލު ފޮޓޯތައް ބޭނުންކޮށްގެން ބަރަހަނާ މަންޒަރުތައް އުފައްދާފައިވާ ކަމަށެވެ. އަދި އެހެން އޭއައި ކުންފުނިތަކުން ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އުފެއްދުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކްސްއޭއައި އިން އަޅާފައި ނުވާ ކަމަށްވެސް މި ދައުވާގައި ތުހުމަތުކޮށްފައިވެއެވެ.
ދައުވާކުރި އެކަކު ބުނި ގޮތުގައި، އޭނާގެ ހައިސްކޫލް ފޮޓޯތަކެއް ބޭނުންކޮށްގެން ގްރޮކް މެދުވެރިކޮށް އުފައްދާފައިވާ ބަރަހަނާ ފޮޓޯތަކެއް ޑިސްކޯޑް ސާވަރެއްގައި ދައުރުވަމުންދާ ކަމުގެ މައުލޫމާތު އޭނާއަށް ލިބުނީ އިންސްޓަގްރާމުން މީހަކު ފޮނުވި މެސެޖަކުންނެވެ.
ދެން ތިބި ދެ ކުދިންގެ ފޮޓޯތައް ފެނިފައިވަނީ ޖިނާއީ ތަހުގީގެއްގެ ތެރެއިންނެވެ. އޭގެ ތެރެއިން އެއް ފޮޓޯ ފެނިފައިވަނީ ހައްޔަރުކުރި މީހެއްގެ ފޯނުންނެވެ.
މި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވަނީ، ގްރޮކް މެދުވެރިކޮށް ބަރަހަނާ މަންޒަރުތަކާއި މީހުންގެ އަސްލު ފޮޓޯތައް ބޭނުންކޮށްގެން ނޭދެވޭ މަންޒަރުތައް އުފެއްދޭނެ ކަމަށް ބުނެ އީލޮން މަސްކު އަމިއްލައަށް އެކަން ޕްރޮމޯޓްކޮށްފައިވާ ކަމަށެވެ.
ދައުވާކުރި ކުދިން ބުނާ ގޮތުގައި މި ފޮޓޯތަކުގެ ސަބަބުން އެކުދިންގެ އަބުރަށާއި، އިޖުތިމާއީ ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނަފްސާނީ ގޮތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވެއެވެ. އެހެންކަމުން، ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ ގާނޫނުތަކުގެ ދަށުން އެކްސްއޭއައި އަށް އަދަބު ދިނުމަށް މި ދައުވާގައި އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެކްސްއޭއައި އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ “ޑީޕް ފޭކް” ބަރަހަނާ ފޮޓޯތަކުގެ މައްސަލައަކީ މިހާރު ދުނިޔޭގައި ބޮޑުވަމުންދާ ކަންބޮޑުވުމެކެވެ.

