ބޭރުދުނިޔެ

އިސްރާއީލުން އަލްޖަޒީރާ މަނާކުރުން އިތުރު 90 ދުވަހަށް ދަންމާލައިފި

އިސްރާއީލުގައި އަލްޖަޒީރާ މީޑިއާ ނެޓްވޯކް ހިންގުން މަނާކޮށް، އެ ގައުމުގައި ހުންނަ އެ ނެޓްވޯކްގެ އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން އަނެއްކާވެސް 90 ދުވަހުގެ މުއްދަތަށް އިސްރާއީލުން އިތުރުކޮށްފިއެވެ.
އިސްރާއީލުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޝްލޯމޯ ކަރާހީ ސޮއިކުރައްވައި އާދީއްތަ ދުވަހު އިއުލާނުކުރި މި އަމުރުގެ ދަށުން، އިސްރާއީލުގެ ތެރޭގައި އަލްޖަޒީރާ ބްރޯޑްކާސްޓް ކުރުމާއި، އިންޓަނެޓް އަދި ޔޫޓިއުބް މެދުވެރިކޮށް އެ ނެޓްވޯކްގެ ޚިދުމަތްތައް ފޯރުކޮށްދިނުން ވަނީ މަނާކޮށްފައެވެ.
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވުމުގެ މަސައްކަތް ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ މެއި މަހުގައެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ މީޑިއާތައް ވަގުތީ ގޮތުން ބަންދުކުރުމަށް އިސްރާއީލުގެ ޕާލަމެންޓުން ފާސްކުރި “އަލްޖަޒީރާ ގާނޫނު” ގެ ދަށުންނެވެ. މިދިޔަ ޑިސެމްބަރު މަހު އިސްރާއީލުގެ ޕާލަމެންޓުން ވަނީ މި ގާނޫނުގެ މުއްދަތު އިތުރު ދެ އަހަރަށް އިތުރުކޮށްފައެވެ.
މި ނިންމުމާ ގުޅޭގޮތުން އަލްޖަޒީރާގެ ގުދުސް އަދި ރާމަﷲ ބިއުރޯގެ ޗީފް ވަލީދު އަލް އޮމަރީ ވިދާޅުވީ، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަދިވެސް ގަބޫލުކުރަނީ އަލްޖަޒީރާގެ ރިޕޯޓްތަކަކީ އެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ. ނަމަވެސް އަލްޖަޒީރާއިން ވަނީ އިސްރާއީލުގެ މި ތުހުމަތުތަކަކީ އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހިންގާ އަމަލެއް ކަމަށްވެސް އެ ނެޓްވޯކުން ބުނެފައިވެއެވެ.
އިސްރާއީލުން އަލްޖަޒީރާއަށް އަމާޒުކޮށް ހަމަލާދެމުންދާތާ އަހަރުތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން 2021 ވަނަ އަހަރު ޣައްޒާގައި ހުންނަ އަލްޖަޒީރާގެ އޮފީސް ހުރި އިމާރާތަށް މިސައިލް ހަމަލާދީ ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި 2022 ވަނަ އަހަރު ހުޅަނގު އައްސޭރީގައި ރިޕޯޓް ކުރަން ހުއްޓާ އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ ވަނީ އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 200 އަށްވުރެ ގިނަ ފަލަސްތީނު ނޫސްވެރިން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން ވަނީ ނެރެފައެވެ.

އިސްރާއީލުން އަލްޖަޒީރާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ އެ ގައުމުގެ ޕާލަމެންޓުން ފާސްކޮށްފައިވާ “އަލްޖަޒީރާ ގާނޫނު” ގެ ދަށުން ހިންގާ ހަރަކާތްތަކެކެވެ. މި ގާނޫނު ފަރުމާކޮށްފައިވަނީ އިސްރާއީލުގެ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ބޭރުގެ މީޑިއާތައް ވަގުތީ ގޮތުން ބަންދުކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ގޮތަށެވެ.

އަލްޖަޒީރާއިން ތުހުމަތުކުރާ ގޮތުގައި މި ފިޔަވަޅުތަކަކީ ހަނގުރާމައިގެ ހަގީގަތް ދުނިޔެއަށް ފޮރުވުމަށްޓަކައި އިސްރާއީލުން ހިންގާ ނުފޫޒުގަދަ އަމަލުތަކެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close