ޓެކްސަސްގެ ހައިވޭއަކަށް ކުޑަ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

އެމެރިކާގެ ޓެކްސަސްގެ ލަރޭޑޯގައި ހަ މީހުންނާއެކު ދަތުރުކުރި ކުޑަ ޖެޓެއް ހައިވޭއަކަށް ވެއްޓި ރޯވުމުގެ ސަބަބުން އެކަކު މަރުވެއްޖެއެވެ. އަންގާރަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ބޯޓުގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި އެ ވަގުތު މަގުމަތިން ދަތުރުކުރި އާންމުން ވަނީ އުޅަނދުތަކުން ފައިބައިގެން ގޮސް، ބޯޓުގެ ކޮކްޕިޓް ބިއްލޫރިގަނޑު ތަޅާލައި އެ މީހުން ނެރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
އަލިފާން ރޯވެ، ދެބުރިވެފައި އޮތް ބޯޓު ފެނުމާއެކު ބައެއް ޑްރައިވަރުން ވަނީ އެ ހިތާމަވެރި މަންޒަރުތައް ވީޑިއޯކޮށް، އަނެއް ބަޔަކު ފައިމަގުގައި ބޯޓާ ދިމާލަށް ދުވެފައި ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ. ބައެއް މީހުން މަރުތޭލާއި އޫ ފަދަ ތަކެތި ހިފައިގެން ގޮސް ބޯޓުގެ ބިއްލޫރިގަނޑު ތަޅާލުމަށާއި، ބޯޓުގެ ދޮރު ހުޅުވޭތޯ މަސައްކަތް ކުރި މަންޒަރު ފެނިފައިވެއެވެ.
ލަރޭޑޯ ޕޮލިސް ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، މި ބޯޓު ވެއްޓިފައިވަނީ ޓެކްސަސް އާއި މެކްސިކޯ ބޯޑަރު ކައިރީގައި އޮންނަ “ލޫޕް 20” ހައިވޭއަށް، ރޭގަނޑު 10 ޖަހާކަންހާއިރުއެވެ. މި ހާދިސާގައި މަރުވީ ބޯޓުން ދަތުރުކުރި މީހެއް ކަމެއް ނުވަތަ ބިމުގައި ހުރި މީހެއް ކަމެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު ހައިވޭމަތީގައި ކަހައިލަމުން ގޮސް މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި، ލަރޭޑޯ އިންޓަނޭޝަނަލް އެއާޕޯޓާ މާ ދުރުނޫން ހިސާބަކަށް ވަނީ މަޑުޖެހިފައެވެ. މަންޒަރުދުށް މީހަކު ކިޔައިދިން ގޮތުގައި އެއީ ހީީވާގޮތުން ފިލްމެއްގެ މަންޒަރެކެވެ.
މި ހާދިސާގައި ބިމުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ނުލިބުނު ނަމަވެސް، މީހުން ސަލާމަތްކުރުމުގައި އުޅުނު ފަސް ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.
ވެއްޓުނު ބޯޓަކީ މެކްސިކޯގެ ލޮސް ކާބޯސް އެއާޕޯޓުން ފުރައިގެން ދަތުރުކުރި “ސެސްނާ ސައިޓޭޝަން ލެޓިޓިއުޑް” މަރުކާގެ ޖެޓެކެވެ. ލަރޭޑޯ އެއާޕޯޓުގެ ޑައިރެކްޓަރު ވިދާޅުވި ގޮތުގައި ބޯޓު ވެއްޓެން ދިމާވީ ފަންނީ މައްސަލައެއް ކުރިމަތިވުމުގެ ސަބަބުންނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
ހާދިސާ ހިނގި ވަގުތު ބޯޓުގެ ތެރޭގައި ތިބި މީހުން ބިއްލޫރިގަނޑު ތަޅާލައިގެން ނުކުތުމަށް މަސައްކަތް ކުރަމުން ދިޔައިރު، ބޭރުގައި ތިބި އާންމުން އެ މީހުންނަށް އެހީތެރިވިއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުގެ ދޮރު ހުޅުވުމާއެކު، ފުރާވަރުގެ ތިން ކުދިންނާއި ޕައިލެޓަކު ވަނީ ބޭރަށް ނުކުމެފައެވެ. އަދި ބޯޓުގެ ފަޅުވެރިއަކު، ހޭނެތިފައި އޮތް މީހަކު ނެރުމަށް މަސައްކަތް ކުރި މަންޒަރުވެސް ފެނިފައިވެއެވެ.
އަލިފާން ނިއްވާ މީހުންނާއި ރެސްކިއު ޓީމުތަކުން ވަނީ ބޯޓުގެ ތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ސިޑި އާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްފައެވެ.
މިއީ ފާއިތުވި ތިން ދުވަސް ތެރޭގައި އެމެރިކާގައި ހިނގި ވައިގެ ދަތުރުފަތުރުގެ ތިންވަނަ ނުރައްކާތެރި ހާދިސާއެވެ. މިދިޔަ ހޯމަ ދުވަހު ކެލިފޯނިއާގައި ބީ-52 ބޯޓެއް ވެއްޓި އަށް މީހުން މަރުވެފައިވާއިރު، އާދީއްތަ ދުވަހު މިސޫރީގައި ހިނގި ބޯޓު އެކްސިޑެންޓެއްގައި 12 މީހަކު ވަނީ މަރުވެފައެވެ.
މި ހާދިސާގައި ހިމެނޭ ބޯޓަކީ “ނެޓްޖެޓްސް” ކުންފުނީގެ ބޯޓެއް ކަމަށް އެ ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ކުންފުންޏަކީ މަޝްހޫރު މަހުޖަނު ވޮރެން ބަފޭގެ ބާކްޝަޔާ ހެތަވޭގެ ދަށުން ހިންގާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނީ މި ހާދިސާ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ.



