އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ތުއްތު ކުއްޖަކު ޝަހީދުވި ހާދިސާގެ ތަޙުޤީޤެއް އެ ޤައުމުން ކުރަނީ

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ތުއްތު ކުއްޖަކު މަރުވި ހާދިސާގެ ތަހުގީގެއް އެ ގައުމުގެ އަސްކަރިއްޔާއިން ފަށައިފިއެވެ.
އާދީއްތަ ދުވަހު އިޒްރޭލު އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، މި ތަހުގީގަކީ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން އުމުރުން އެންމެ ހަތް މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައިގައި ކުރިއަށްގެންދާ ތަހުގީގެކެވެ.
ފަލަސްތީނުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ހެބްރޮން ސިޓީގައި ދަތުރުކުރަމުންދިޔަ އާއިލީ ކާރަކަށް އިޒްރޭލު ސިފައިން ދިން މި ހަމަލާގައި މަރުވެފައިވަނީ ސާމް ފަހްދު އަބޫ ހައިކަލް ނަމަކަށް ކިޔާ ކުއްޖެކެވެ. މި ހާދިސާގައި އެ ކުއްޖާގެ މައިންބަފައިންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ވޭތުވެދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އިޒްރޭލު އަސްކަރިއްޔާއިން ކުރިން ބުނެފައިވަނީ، ސިފައިން ބަޑިޖެހީ ބާރު ސްޕީޑުގައި ދުއްވާފައި އައި އުޅަނދެއް އެމީހުންނާ ދިމާލަށް އަންނަހެން ހީވުމުން ކަމަށެވެ. ނަމަވެސް، އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި އެ އުޅަނދުގައި ތިބި ތިން ފަލަސްތީނު މީހުންނަކީ އެއްވެސް ކަމެއްގައި ބައިވެރިނުވާ އާންމު ރައްޔިތުންނެވެ.
މި މައްސަލައިގައި އިޒްރޭލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިބްތިދާއީ ތަހުގީގަށް ފަހު، މި ހާދިސާ އިތުރަށް ބެލުމަށް މިލިޓަރީ ޕޮލިސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޜަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ތަހުގީގު ނިމުމުން އެ ރިޕޯޓު މިލިޓަރީ އެޑްވޮކޭޓް ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ގާޒާގައި ހަނގުރާމަ ފެށުނު ފަހުން، 1967 އިން ފެށިގެން އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަނިޔާވެރި އަމަލުތައް ދަނީ ހިންގަމުންނެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި އިޒްރޭލު ސިފައިންނާއި (ވަޒަންވެރިން) ހިންގި ހަމަލާތަކުގައި ފަލަސްތީނުގެ 1,080 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމެނެއެވެ. އިޒްރޭލުގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ހަމަ އެ މުއްދަތުގެ ތެރޭގައި ފަލަސްތީނުގެ ހަމަލާތަކުގައި ނުވަތަ އަސްކަރީ އޮޕަރޭޝަންތަކުގައި އިޒްރޭލުގެ 46 މީހަކު ވަނީ މަރުވެފައެވެ.



