އުރުދުންގެ ޢަޤާބާ ބަނދަރުން ވިހަ ގޭސް ލީކުވުމުން 12 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
އައްމާން – އުރުދުންގެ އަޤާބާ ބަނދަރުގައި ކްރޭނެއްގެ ތެރެއިން ވިހަ ކްލޮރިން ގޭހުގެ ޓޭންކެއް ވެއްޓި ގޮވުމުން 12 މީހަކު މަރުވެ 250 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެ އެވެ.
އޭގެ ތެރެއިން އަށް މީހުންނަކީ އުރުދުންގެ މީހުން ކަމަށާއި އަނެއް ހަތަރު މީހުންނަކީ އެހެން ގައުމުތަކުން އައި މީހުން ކަމަށް އަރަބި ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ.
ގޮވުމުގެ ބާރުގަދަވުމުގެ ސަބަބުން ބަނދަރު ގައި އޮތް ޓްރަކެއް ފުރޮޅާލިއިރު، ރީނދޫ ގޭހުގެ ވިލާތަކެއް ޖައްވުގެ ތެރޭގައި ވަނީ އުފެދިފައެވެ. އެ ސަރަޙައްދުގައި މަސައްކަތްކުރާ މީހުން ދުވެފައި ދިޔައީ ފުރާނަ ސަލާމަތް ކުރުމަށެވެ.
ކައިރީގައި ހުރި ސަރަހައްދުތައް ހުސްކޮށް ދޮރާއި ކުޑަދޮރުތައް ބަންދުކުރުމަށާއި ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް ވަނީ ސަރުކާރުން އަންގާފައެވެ.
ޕަބްލިކް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ތަރުޖަމާނު އަމަރު ސަރޓަވީ ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ސަރުކާރުން މުއާމަލާތް ކުރަމުންދަނީ “ސްޕެޝަލިސްޓުންނާއި ސިވިލް ޑިފެންސްގައި ތިބި ނުރައްކާތެރި މާއްދާތަކާއި ބެހޭ ޓީމުން” ކަމަށެވެ.
ބޮޑުވަޒީރު ބިޝްރު ޚަސައްނު އާއި ދާޚިލީ ވަޒީރު މަޒެން އަލް ފަރާޔާ ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންނެވިއެވެ. އދި އަނިޔާވި ބައެއް މީހުންނަށް ފަރުވާދެމުންދާ ހޮސްޕިޓަލަކަށް ޒިޔާރަތްކޮށް، އެ ހާދިސާގެ ތަހުގީގު ޓީމެއް އެކުލަވާލި އެވެ.
މި އެކްސިޑެންޓް ހިނގީ ޖިބޫޓީއަށް އެކްސްޕޯޓް ކުރަމުން ދިޔަ 25 ޓަނުގެ ކްލޮރިން ގޭސް ފުރިފައިވާ ޓޭންކެއް ގެންދަނިކޮށް ވެއްޓިގެންނެވެ. ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ކްރޭނެއް ޓްރަކެއްގެ ތެރެއިން ޓޭންކް އުފުލާލިއިރު، އޭގެ ފަހުން ޓޭންކް ބޯޓެއްގެ ޑެކް މައްޗަށް ވެއްޓި ގޮވާތަން ފެނެ އެވެ.
ޒަހަމްވި މީހުން ދައުލަތުގެ ދެ ހޮސްޕިޓަލަކާއި އަމިއްލަ އެއް ފެސިލިޓީއަކާއި ފީލްޑް ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފަ އެވެ.
އަޤަބާގެ ހެލްތު ޑިރެކްޓަރު ޖަމާލް އޮބޭދަތު ވިދާޅުވީ އެ ސަރަހައްދުގެ ހޮސްޕިޓަލްތައް ފުރިފައިވާތީ އިތުރު ކޭސްތައް ނުލިބޭ ކަމަށެވެ. “ޒަހަމްވި މީހުންގެ ހާލު މެދުމިނާއި ސީރިއަސް،” އޭނާ ވިދާޅުވި އެވެ.
އަޤާބާ ބަނދަރަކީ އުރުދުންގެ ހަމައެކަނި ކަނޑުގެ ޓާމިނަލް ކަމަށާއި، އެޤައުމުގެ އިމްޕޯޓް އެކްސްޕޯޓްގެ ބޮޑު ބައެއްގެ މުހިއްމު ޓްރާންސިޓް ޕޮއިންޓެކެވެ. އޭގެ ގޮނޑުދޮށްތަކަކީ ވެސް ފަތުރުވެރިންގެ ބޮޑު މަންޒިލެއް ކަމަށާއި، ހޯމަ ދުވަހު ހިނގި ހާދިސާއަށް ފަހު އެތަން ވަނީ ހުސްކޮށްފަ އެވެ.
އެތެރެހަށީގެ ބަލިތަކުގެ ކޮންސަލްޓަންޓެއް ކަމަށްވާ ޑރ.މުހައްމަދު އަލް-ތަރަވަނޭ ވިދާޅުވީ ކްލޮރިން ގޭހަކީ އިންތިހާއަށް ވިހަ ގޭހަކަށް ވާތީ، ލީކުވުމުގެ ސަބަބުން ގޮވުމުގެ ވަށައިގެންވާ ސަރަހައްދުތަކަށް ވަރަށް ބޮޑަށް އަސަރު ފޯރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ގޭސް ޖެހުމުން މީޔުކަސް މެމްބަރޭންތަކުގައި ރިއްސުމާއި ހަންގަނޑުގައި ރަތްކުލައިގެ ލައްތަކެއް އުފެދިދާނެ ކަމަށެވެ. ނޭވާލާއިރު އުނދަގޫވުމާއި، ބޭރަށް ހިންގުމާއި ބޮލުގައި ރިއްސުމާއި ފެނުން ދަށްވުމާއި ހޭނެތުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.
ސައުދީ އަރަބިއްޔާއިން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީން އަންގާރަ ދުވަހުގެ ވަގުތެއްގައި ވަނީ ބުނެފައެވެ.
ގޮވުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެމެރިކާއިން ވަނީ ތައުޒިޔާ ދަންނަވާފައެވެ. “މި ހިތާމަވެރި ހާދިސާއަށް ރައްދުދޭއިރު އުރުދުންގެ ސަރުކާރަށް ތާއީދު ކުރަން އަޅުގަނޑުމެން ތައްޔާރަށް މިތިބީ،” އެމެރިކާ ސަފީރު ހެންރީ ވޫސްޓަރ ވިދާޅުވި އެވެ. “އަޅުގަނޑު އިލްތިމާސް ކުރަން އަޤަބާގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުންނަށް އާންމު ސިއްހަތުގެ ހުރިހާ އިރުޝާދުތަކަށް އަމަލު ކުރުމަށް.” އިލްތިމާސް ކުރެއްވިއެވެ.


