ބޭރުދުނިޔެ

އީރާނާއެކު މަޝްވަރާކުރަން ޓްރަމްޕް ދެކޮޅު ހަދައި، އެ ގައުމުގެ ހުރިހާ ލީޑަރުން މަރާލާނެ ކަމުގެ އިންޒާރު ދީފި

އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ބޭނުން ނުވާ ކަމަށާއި، މި ހަނގުރާމަ ނިމޭނީ އީރާނުގެ އަސްކަރިއްޔާ ސުންނާފަތިވެ، އެ ގައުމުގެ ވެރިކަމުގައި ތިބި ހުރިހާ ލީޑަރުން ނައްތާލެވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެއާފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އީރާނުގެ ހުރިހާ ލީޑަރުން މަރާލައި އަސްކަރިއްޔާ ނައްތާލުމުން މަޝްވަރާގެ ބޭނުމެއް ނޯންނާނެ ކަމަށެވެ. “އެއްވެސް މީހަކު ދިރިނެތް ހިސާބުން، ‘އަމާން ދިނީމޭ’ ބުނާނެ މީހަކުވެސް ނުހުންނާނެ،” ޓްރަމްޕް ބުންޏެވެ.

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، މި ހަނގުރާމައިގެ އަސަރު މުޅި މެދުއިރުމައްޗަށް ދަނީ ކުރަމުންނެވެ. މިގޮތުން ކުވެއިތުގެ ސަރުކާރު އޮފީހަކަށް ޑްރޯން ހަމަލާއެއް އަރައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާއިރު، ތެލުގެ ބާޒާރަށް ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގާތްވަމުންދާ ކަމަށް ބުނެ، އެ ގައުމުގައި ހުރި ޔުރޭނިއަމް ރައްކާކޮށްފައިވާ ތަންތަން ހިފުމަށް އެމެރިކާ އާއި އިސްރާއީލުގެ ހާއްސަ ސިފައިން ފޮނުވުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަނޑިވަޅުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އަވަށްޓެރި ގައުމުތަކަށް އީރާނުން ދިން ހަމަލާތަކަށް މައާފަށް އެދިފައެވެ. ނަމަވެސް ޓްރަމްޕްގެ “އަމާންދިނުމުގެ” ޝަރުތަކީ ހުވަފެނެއް ކަމަށް އޭނާ ބުންޏެވެ. ޕެޒެޝްކިއަންގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ހަރުކަށި ފިކުރުގެ މީހުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އީރާނުގެ 1,300 އަށްވުރެ ގިނަ އާންމުން މަރުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. މީގެ ތެރޭގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާއެއްގައި މަރުވި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އެމެރިކާގެ އޮފިޝަލުން މި ހަމަލާގެ ޒިންމާ އެމެރިކާގެ ބޮލުގައި އެޅުވި ނަމަވެސް، ޓްރަމްޕް ބުނީ އެއީ އީރާނުގެ އަމިއްލަ ހަމަލާއެއް ކަމަށެވެ.

އިސްރާއީލުން މިހާރު ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ހުއްޓުވުމަށް ލުބުނާނުގެ ސަރުކާރަށް އިންޒާރު ދީފައެވެ. އަދި ހިޒްބުاللهގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީ، ލުބުނާނުން މިހާތަނަށް 300 އެއްހާ މީހުން ވަނީ މަރާލާފައެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ކުވެއިތު، އިރާގު އަދި ގަތަރުން ތެޔޮ އެކްސްޕޯޓް ކުރުން ވަނީ މަދުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close