ނަރަވެލި ތުރުކީވިލާތާއި އިސްރާއީލް ކަނޑުގެ ސަރަހައްދުތަކުގައި ސީދާ ކުރިމަތިލުމަކަށް ދަނީތަ؟

ތުރުކީވިލާތާއި އިސްރާއީލް ކަނޑުގެ ސަރަހައްދުތަކުގައި ސީދާ ކުރިމަތިލުމަކަށް ދަނީތަ؟

ތުރުކީވިލާތާއި އިސްރާއީލް ކަނޑުގެ ސަރަހައްދުތަކުގައި ސީދާ ކުރިމަތިލުމަކަށް ދަނީތަ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްރާއީލާއި ތުރުކީވިލާތުގެ މެދުގައި އޮތް ހަމަނުޖެހުންތައް ހަމައެކަނި ބަހުގެ ހަމަލާތަކުން ބޭރުވެ، މެޑިޓެރޭނިއަން، ކަޅުކަނޑު އަދި އަރަބި ކަނޑަށް ފުޅާވެ، ދެ ގައުމު ސީދާ ކުރިމަތިލުމަކާ ދިމާއަށް މިސްރާބު ޖަހަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދިޔައީ އޮގަސްޓް 18 ވަނަ ދުވަހު ސީރިއާގެ އިދްލިބް ޕްރޮވިންސްގައި ހުރި އަބޫ އަލް-ދުހޫރު އަސްކަރީ އެއާބޭސްއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ އެއާބޭސްގައި ތުރުކީން ރާޑަރު ސިސްޓަމެއް ގާއިމުކުރަން އުޅޭކަމަށް ބުނެ، އެކަމުގެ ސަބަބުން ސަރަހައްދީ އަސްކަރީ ބާރުގެ ހަމަހަމަކަން ގެއްލިދާނެ ކަމުގެ އިންޒާރު އިސްރާއީލުން އޮތީ އެމެރިކާއަށް ދީފައެވެ.

މި ހަމަލާއާ ވިދިގެން ތުރުކީވިލާތުން ވަނީ ސީރިއާގެ ދެކުނަށް ސިފައިން ނުފޮނުވުމަށް އިސްރާއީލުން ދިން އިންޒާރަށް ގޮންޖަހައި، އޮގަސްޓް 29 ވަނަ ދުވަހު ދީރުއްޒޫރަށް ވަދެ ސީރިއާ ސިފައިންނާ ގުޅިގެން ޔޫފްރެޓިސް ކޯރު ހުރަސްކޮށް ވަގުތީ ބްރިޖެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. އަދި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ތުރުކީގެ ޑްރޯންތައް ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން މެޑިޓެރޭނިއަން ކަނޑުގައި ތުރުކީގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށް، އަސްކަރީ ތަމްރީނުތައް ފުޅާކުރަމުންދާ ކަމަށް އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ. އިސްރާއީލުން ދެކޭ ގޮތުގައި އިރުމަތީ މެޑިޓެރޭނިއަންގައި ތުރުކީގެ އަސްކަރީ ބާރު ވަރުގަދަވުމަކީ، އިސްރާއީލުގެ އިގްތިސާދުގެ މައިނާރު ކަމަށްވާ “ލެވިއަތަން” ގޭސް ފީލްޑުގެ ރައްކާތެރިކަމަށާއި އެ ގޭސް ބޭރުކުރާ މަގުތަކަށް އޮތް ބޮޑު ނުރައްކަލެކެވެ.

ހަމައެއާއެކު، ގްރީސްއިން އިސްރާއީލާއެކު ވައިގެ ދިފާއީ ނިޒާމެއް ގާއިމުކުރުމަށް އެއްބަސްވުމެއް ހެދުމާ ގުޅިގެން، އޭޖިއަން ކަނޑުގެ ރަށްތައް ހަތިޔާރުއެޅި ސަރަހައްދަކަށް ނެހެދުމަށް ތުރުކީން ވަނީ ގްރީސްއަށް ހަރުކަށި އިންޒާރެއް ދީފައެވެ. މިއީ ސަރަހައްދީ ގޮތުން އިސްރާއީލާ ދެކޮޅަށް ތުރުކީން ގެންގުޅޭ ހަރުކަށި ސިޔާސަތު އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ.

ފާޅުކަން ބޮޑު ހަމަނުޖެހުންތަކުގެ އިތުރުން، ފަހަކަށް އައިސް ހިނގި ނުރައްކާތެރި ބައެއް ހާދިސާތަކުގެ ފަހަތުގައި ވެސް އިސްރާއީލާއި ތުރުކީގެ ސިއްރު ކޯޅުންތައް ވާކަމަށް ބައިނަލްއަގުވާމީ މާހިރުން ތުހުމަތުކުރެއެވެ. އޭގެ ތެރޭގައި ސޯމާލިއާގެ މޮގަދިޝޫއަށް ހަތިޔާރާއި ސެޓެލައިޓް ސާމާނު ހިފައިގެން ދަތުރުކުރި އެމްވީ ލުތުފް ކަނޑުފޭރޭ ބަޔަކު ހިފެހެއްޓި ހާދިސާ ހިމެނެއެވެ. ތުރުކީން ސޯމާލިއާއަށް ތާއީދުކުރާއިރު، އިސްރާއީލުން ތާއީދުކުރަނީ ވަކިވެގަންނަން އުޅޭ ސޯމާލީލޭންޑަށެވެ. އަދި 2025 ވަނަ އަހަރު އިސްރާއީލުން ސޯމާލީލޭންޑްގެ މިނިވަންކަން ބަލައިގަތުމާއެކު ދެ ގައުމުގެ ވާދަވެރިކަން އަރަބި ކަނޑާއި އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެސް ވަނީ ފެތުރިފައެވެ.

ހަމައެއާއެކު ކަޅުކަނޑުގައި ތުރުކީގެ ދެ އާގުބޯޓަކަށް ޔޫކްރެއިނުން ހަމަލާދިނުމާއި، ނޮދަން ސައިޕްރަސް ކައިރިން 267 މީހުންނާއެކު ދަތުރުކުރި ފެރީއެއް ބަންޑުން ޖަހައި 13 މީހުން މަރުވި ހާދިސާގައި، ބޯޓުގެ ކުރީކޮޅުން ގޮވުމެއްގެ އަޑު އިވުނު ކަމަށް ސަލާމަތްވި މީހުން ބުނެފައިވާ ކަންކަމަކީ، އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ނުފޫޒު އޮވެދާނެ ކަންކަން ކަމަށް މާހިރުން ބުނެއެވެ. ދުޝްމަނުންގެ ބާރުތައް ބަލިކަށިކުރުމަށް ސިއްރު އޮޕަރޭޝަންތައް ހިންގުމުގައި އިސްރާއީލުގެ ތާރީޚު އޮތް ގޮތުން، މި ހުރިހާ ކަމެއް ވެސް ގޮސް ގުޅެނީ ދެ ގައުމުގެ މެދުގައި ފެތުރެމުންދާ ވަރުގަދަ އަސްކަރީ އަދި ޖާސޫސީ ކުރިމަތިލުންތަކާއެވެ.

ޓެގް

އިސްރާއީލް ތުރުކީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.