ދުނިޔޭގެ ޗެސް ޗެމްޕިއަން މެގްނަސް ކާލްސަންއާ ދެކޮޅަށް 100 މިލިއަން ޑޮލަރު ހޯދަން ދައުވާކޮށްފި
ޗެސްގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަންއާ ދެކޮޅަށް 100 މިލިއަން ޑޮލަރު ހޯދަން އެމެރިކާގެ ކޯޓެއްގައި ދައުވާއެއް ކޮށްފިއެވެ.
ކާލްސަން އަތުން 100 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ދައުވާ އުފުލާފައިވަނީ އުމުރުން 19 އަހަރުގެ ޗެސް ގްރޭންޑްމާސްޓަރެވެ. އޭނާ ދައުވާކޮށްފައިވަނީ ވާދަވެރި ޗެސް ކުޅުންތެރިއަކާއި އެކު ކުޅުނު މެޗެއްގައި މަކަރު ހެދި ކަމަށްބުނެ އޭނާގެ ބޮލުގައި އެޅުވި ދޮގު ތުހުމަތުތަކުން އޭނާގެ ކެރިއަރު ހަލާކުކޮށްލި ކަމަށް ބުނެއެވެ.
ސެއިންޓް ލޫއިސްގެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ބުރާސްފަތި ދުވަހު ހަންސް ނީމަން ދައުވާ ކުރީ ސެއިންޓް ލޫއިސްގައި ބޭއްވި ސިންކްފީލްޑް ކަޕް މުބާރާތުގައި އޭނާ މޮޅުވި ވަގުތު ނީމަން މަކަރު ހަދާފައިވާ ކަމަށް ޗެސްގެ ދުނިޔޭގެ ޗެމްޕިއަން މެގްނަސް ކާލްސަން ލަފާދީފައިވާތީ އޭނާއާ ދެކޮޅަށެވެ.
ނީމަން ވަނީ ކާލްސަންގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމަށް އެދިފައެވެ. ދައުވާގައި ނިމަން އިތުރަށް ބުނެފައިވަނީ އެ މުބާރާތަށްފަހު އޭނާގެ އިދިކޮޅު ޓީމުންވަނީ ގުޅިގެން ރާވައިގެން އޭނާގެ އަގުވައްޓާލަން މަސައްކަތްކޮށްފައި ކަމަށެވެ.
ދައުވާ ގައި ނީމަންގެ ފަރާތުން ހުށަހަޅާފައިވަނީ އޭނާގެ ކެރިއަރު ހަލާކުކޮށް، އޭނާގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށް ބުނެއެވެ.
ނީމަން ބުނާ ގޮތުގައި ކުރިއަށް ހުރި ބައިނަލް އަޤުވާމީ މުބާރާތްތަކުން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، މި ދޮގު ތުހުމަތުތަކާ ގުޅިގެން ޗެސް ސްކޫލްތަކުންވެސް އޭނާ ވަޒީފާއަށް ނުނަގާނެ ކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ކާލްސަން މަސައްކަތް ކުރައްވަނީ “ޗެސްގެ ރަސްގެފާނު”ގެ މަގާމު ދެމެހެއްޓުމަށާއި ގާތްގަނޑަކަށް 83 މިލިއަން ޑޮލަރަށް ޕްލޭ މެގްނަސް ގަތުމަށް ޗެސް ޑޮޓްކޮމްއާ އެކު އެއްބަސްވުމެއްވެސް ހަދާފައިވާ ކަމަށެވެ.
ދުނިޔޭގެ ޗެސް ޗެމްޕިއަން އުމުރުން 31 އަހަރުގެ ކާލްސަން ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓްތަކުގައި އެ ދައުވާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާގެ މެނޭޖަރު ހެންރިކް ކާލްސަންގެ ބަހެއްވެސް މީޑިއާތަކަށް ވަނީ ލިބޭގޮތް ނުވެފައެވެ.


