ކުޅިވަރު ޕީއެސްޖީ ކަޓުވާލައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފި

ޕީއެސްޖީ ކަޓުވާލައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަ ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޕީއެސްޖީ ކަޓުވާލައި ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

މިދިޔަ މަހު ޕީއެސްޖީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގެ ފަހު ވަގުތު ކީލިއަން އެމްބާޕޭ ޖެހި ގޯލުން ޕީއެސްޖީ މޮޅުވި އެވެ. ރޭ ރެއާލް ދަނޑުގައި ވެސް ފުރަތަމަ ގޯލު ޖެހީ އެމްބާޕޭ އެވެ. އެކަމަކު، ރެއާލުން މުޅި މަންޒަރު ބަދަލުކޮށްލީ މެޗުގެ ފަހު ހާފުގަ އެވެ. ސަތާރަ މިނިޓް ތެރޭ ބެންޒެމާ ހެޓްރިކެއް ހަދައި، ރެއާލް މޮޅުކޮށްދިނީ އެވެ.

ރެއާލްގެ ދަނޑުގައި 33 ވަނަ މިނިޓްގައި އެމްބާޕޭ ރޭ ޖެހި ފުރަތަމަ ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި އެމްބާޕޭ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޕީއެސްޖީ އަށް ގޯލެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން އަށް މިނިޓް ތެރޭ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ކައިރިން ނައްޓާފައި އެމްބާޕޭ ޖެހި ގޯލު ވެސް ބަލައިނުގަންނަން ނިންމީ އޮފްސައިޑްވުމުންނެވެ.

ގަޑިއިރެއްހާއިރު ކުޅެވުނު ފަހުން ރެއާލަށް ދިރުން ލިބި ރަނގަޅަށް ކުޅެން ފެށި އެވެ. އެ ގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ 60 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ހުސްކޮށްލާފައި ދިން ބޯޅަ އަކުން ބެންޒެެމާ އެވެ. އޭގެ 15 މިނިޓް ފަހުން، މެޗުގެ 75 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް އޭރިއާތެރެއިން ހުސްވި ޖާގައެއް ބަލާފައި، ބެންޒެމާ އަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އޭނާ ވަނީ ގޯލަށް ޖަހައިފަ އެވެ. މި ގޯލަށް ފަހު ޕީއެސްޖީ އަށް ރަނގަޅަށް ހަަމަޖެހިނުލެވެނިސް ބެންޒެމާ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޕީއެސްޖީގެ ކެޕްޓަން މާކުއީނިއޯސް ޑިފެންސްކުރަން ޖައްސާލި ބޯޅަ އޭރިއާ ރޮނގުމަތިން ބެންޒެމާ އަށް ލިބުމާ އެކު އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފަހަތުން އަރައި މި ލިބުނު މޮޅަށް ރެއާލް ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީން މިދިޔަ މަހު ސްޕޯޓިން ލިސްބަން އަތުން ވަނީ 5-0 އިން މޮޅުވެފަ އެވެ. ރޭ މެންޗެސްޓާ ސިޓީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސިޓީ އަށް ވަނީ މި ނަތީޖާއާ އެކު ކުއާޓާ ފައިނަލުން ފުރުސަތު ލިބިފަ އެވެ.

ޓެގް

ޕީއެސްޖީ ރިއަލްމެޑްރިޑް ޗެމްޕިއަންސްލިގް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.