ކޮންމެ ރަށަކުންވެސް ތަރައްޤީގެ މަޝްރޫޢުތައް ދެން ފެނިގެންދާނެ: ރައީސް މުއިއްޒު

ކޮންމެ ރަށަކުންވެސް ދެން ފެނިގެންދާނީ މަޝްރޫޢުތައް ފަށައި، ނިމިގެންދާ މަންޒަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލެ އަތޮޅު ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ގުޅީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ކޮންމެ ރައްޔިތަކީ ސަރުކާރަށް ހަމަހަމަ ރައްޔިތެއްކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން އޮތް ކަމެއްނަމަ މިސަރުކާރުން އެކަންކަން ކޮށްދެއްވައި ނިންމަމުންދާނެކަމަށެވެ. އަދި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަކީ މިސަރުކާރުގެ އަމާޒުކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ގުޅީގެ ހިއްކި ބިމަކީ ބޯހިޔާވަހިކަމާއި އިޖުތިމާޢީ އުމްރާނީ ތަރައްޤީއަށް ގިނަ ކަންކަން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ގުޅީގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެއެވެ. އަދި ގުޅީގެ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލަ، ދަޢުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ޤާނޫނާއި ޤަވައިދާ އެއްގޮތަށް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެއެވެ.
މީގެއިތުރުން ގުޅީގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައްވެސް ކުރިއަށްގެންދާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
