ލުބުނާނުގައި ހަމަލާތައް ފުޅާކުރުމަށް އިޒްރާއީލުގެ ޗީފް އޮފް ސްޓާފް ރުހުން ދީފި

ދެކުނު ލުބުނާންގައި އިޒްރާއީލުގެ އަސްކަރިއްޔާއިން އެއްގަމުމަގުން ދެމުންދާ ހަމަލާތައް ފުޅާކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާ ޖެނެރަލް ހަރޒީ ހަލެވީ ހުއްދަ ދީފިއެވެ.
އިޒްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ކޭއޭއެންއިން ބުނެފައިވާ ގޮތުގައި އިޒްރާއިލްގެ އަސްކަރިއްޔާއިން މީގެކުރިންވެސް ހަމަލާތައް ދީފައިވާއިރު، ދެކުނު ލުބުނާންގެ އެތެރޭގެ އަވަށްތަކަށް ހަމަލާދިނުން މަޑުޖައްސާލައިފައި އޮތީ އަސްކަރިއްޔާގެ ވެރިންގެ ހުއްދަ ނުލިބިގެންނެވެ.
އިޒްރާއީލުގެ އަސްކަރިއްޔާއިން ދެކުނު ލުބުނާންގައި ވަކި ސަރަޙައްދުތަކަކަށް އަމާޒުކޮށްގެން އެއްގަމު މަގުން ހަމަލާތައް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު 1 ގައެވެ. މީގެ ދުވަސްކޮޅެއް ކުރިން، ހިޒްބުﷲގެ އަމާޒުތަކެއް ކަމަށް ބުނެ، އިޒްރާއީލުން ވަނީ ވައިގެ ޙަމަލާތަކެއް ދީފައެވެ. މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން، އަހަރެއްވަންދެން ދެމިގެންދިޔަ ބޯޑަރު ހަނގުރާމައިގެ އިތުރު ހަރުކަށި ފިޔަވަޅެކެވެ.
ލުބުނާންގެ ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދިން ޙަމަލާތަކުގައި 3،100 އަށްވުރެ ގިނަ މީހުން މަރުވެ، 13،800 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
މި ހަނގުރާމަ އިތުރަށް ގޯސްވެ، ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައި، އިޒްރާއީލުގެ މި ނިންމުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވާނެ ކަމެއް ކަމަށް ބެލެވެއެވެ.
އިޒްރާއީލްގެ ހަމަލާތައް ފުޅާކުރުމަށް ނިންމާފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމަތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް އަރަބި އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓެއް މިއަދު ސައޫދީގައި ފަށާނެއެވެ.



