ނިމިދިޔަ ޓްރާންސްފާގައި މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯވެފައި މިވަނީ އެޓީމުގެ ނަސީބުކަމުގައެވެ.
ރޮނަލްޑޯ ބަދަލުވުމަށް ފަހު ޔުނައިޓެޑުން ކުުޅުނު ގިނަމެޗް ތަކެއްގެ އެންމެފަހު ވަގުތު އެޓީމު ބަލިނުވެ ސަލާމަތްކޮށްދިނުމަށް ނުވަތަ މޮޅަކުން ނިންމާލުމަށް ގޯލް ޖަހާދީފައި ވަނީ އޭނާ އެވެ.
މިގޮތުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ އެޓަލަންޓާ އަތުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވާން ދަނިކޮށް މެޗުގެ އެންމެފަހު ވަގުތު ކޮޅު ތެރޭގައި ލަނޑެއް ޖަހާ ރޮނަލްޑޯ ވަނީ މެންޗެސްޓާރ ޔުނައިޓެޑް ސަލާމަތް ކޮށްދީފައެވެ.
މެޗުގެ އެންމެ ފަހުވަގުތު ކޮޅުތެރޭގައި ރޮނަލްޑޯ ކާމިޔާބުކޮށްދިން މި ގޯލާއިއެކު ރޭގެ މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ޔުނައިޓޭޑުން ޖެހި އަނެއް ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނަގާފައިވަނީ އެޓަލަންޓާއިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި އެޓީމަށް މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޔޯސިފް އިލިޗިޗް އެވެ.
ޔުނައިޓޭޑުން އެއްވަރު ކުރުމަށް ރޮނަލްޑޯ ކާމިޔާބުކޮށްދިން ލަނޑު ފުރަތަމަ ހާފު ނިމެން ގާތްެފައިވަނިކޮށް ކާމިޔާބުކޮށްދީފައިވަނީ ބްރޫނޯ ފެނާންޑޭޒްގެ ހިތްގައިމު ޕާހަކުންނެވެ. ރޭގެ މެޗުގައި ދެވަނަ ފަހަރަށް އެޓްލާންޓާއިން ލީޑު ނެގީ މެޗުގެ 56 ވަނަ މިނިޓްގައި ޑުވާން ޒަޕާޓާ ކާމިޔާބުކޮށްދިން ގޯލުންނެވެ.
ރޭގެ މިނަތީޖާ އާއިއެކު ގްރޫޕް އެފްގެ 1 ވަނަ ޔުނައިޓެޑްއަށް ލިބެނީ ކުޅުނު 4 މެޗުން ލިބުނު 7 ޕޮއިންޓާއި އެކު މި ގްރޫޕްގައި ހިމެނޭ ވިޔަރެއާލް އާއި އެއްވަރަށް ޕޮއިންޓް ލިބި ހެޑް ޓު ހެޑްގެ އުސޫލުންނެވެ. ގްރޫޕްގެ 3 ވަނާގައި އެޓްލާންޓާ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތީ ޔަންގް ބޯއިސް އެވެ.

