މެސީ އާއި އެމްބާޕޭގެ އާދަޔާ ޚިލާފު މޮޅު ކުޅުމާއެކު ޕީއެސްޖީ އަށް ބޮޑު މޮޅެއް
ފްރާންސްލީގުގައި ރޭ ކުޅުނު އަޔާޗޯއާއި ބައްދަލުކޮށް ޕީއެސްޖީ މެޗުގައި މެސީއާއި އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު ޕީއެސްޖީ މޮޅުވެ ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓުގެލީޑެއް ނަގައިފިއެވެ.
މި މެޗު އަޔާޗޯއާއި ބައްދަލުކޮށް ޕީއެސްޖީއިން މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.
މިރޭގެ މެޗުގައި ތަރިންނަށް ވީ މެސީ އަދި އެމްބާޕޭ އެވެ. މެޗުގައި އެމްބާޕޭ ދެގޯލު ޖަހައި އެސިސްޓެއް ހެދިއިރު މެސީ ވަނީ ދެ އެސިސްޓް ހަދާ ގޯލެއް ޖަހާފައެވެ.
މެސީގެ ހިތްގައިމު ޕާހަކުން މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީއަށް އެމްބާޕޭ ކާމިޔާބު ކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިހާފުގައި އެމްބާޕޭއަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މި ދެފަހަރުވެސް އެމްބާޕޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ގޯލު މެސީ ކާމިޔާބު ކުރީ އެމްބާޕޭގެ އެހީތެރިކަމާއެކު މެޗުގެ 78 ވަނަ މިނެޓުގައެވެ. މެސީ އެމްބާޕޭއަށް ޖައްސާލި ބޯޅަ އަބުރާ އެމްބާޕޭ މެސީ އަށް ޖައްސާލުމުން ބޯޅަ ހިފައިގެން ވަދެ މިގޯލު މެސީ ޖެހީ ކީޕަރ ކައިރިންވެސް ނައްޓައިލާފައެވެ.
މެޗުގެ ތިންވަނަގޯލު މެސީ ޖައްސާލިބޯޅަ އަކުން އެމްބާޕޭ ކާމިޔާބުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިގެންނެވެ.
މިރޭގެ ޕީއެސްޖީ ސްކޮޑުގައި ނެމާ އަދި ރާމޯސް ހިމެނިފައެއްނުވެއެވެ. ދެކުޅުންތެރިންވެސްތިބީ ސަސްޕެންސަނުގައެވެ.



