ޚަބަރު

އަރިއަތޮޅު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތް ކުރެއްވި ރަށްތަކުގެ ތެރޭގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، އަދި ހިމަންދޫ ހިމެނެއެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޒިޔާރަތް ކުރެއްވި ހުރިހާ ރަށްރަށެއްގެ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އއ އަތޮޅު އަތޮޅު ކައުންސިލް މެންބަރުނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެބޭފުޅުން ވަނީ ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށަށް އިތުރަށް ބޭނުންވާ ކަންތައްތައް ރައީސްއާ ޙިއްޞާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، ރައީސް ޞާލިޙް ވަނީ އއ. ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނާއި، ގެސްޓް ހައުސް ހިންގާފަރާތްތަކާ، ބައްދަލުކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ކުރިން އެމަނިކުފާނު ވަނީ އެސްޓީއޯގެ ފަރާތުން ތޮއްޑޫގައި ހިންގާ އެގްރި ސެންޓަރުގައި ހުރި އެރަށުގެ ދަނޑުވެރިން އުފައްދާފައިވާ ކާނާގެ ބާވަތްތައް ބައްލަވާލައްވާފަ އެވެ.

އެމަނިކުފާނު ވަނީ ތޮއްޑޫ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވާ އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިން ޒަމާނީ ފެންވަރަށް އެރަށުގައި ތަރައްޤީކޮށްފައިވާ 12 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް ރަސްމީގޮތުން ހުޅުއްވައި ދެއްވާފަ އެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ތޮއްޑޫގެ ބައެއް ދަނޑުބިންތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ޒިޔާރަތް ކުރައްވައިފައިވަނީ ރަސްދޫ އަށެވެ. ރަސްދޫގައި އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރަސްދޫގައި ގިރާ ސަރަޙައްދަށް ވަޑައިގެން އެތަން ވެސް ބައްލަވާލައްވާފަ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންލިޒެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފައިވަނީ އުކުޅަހަށެވެ. އެރަށަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ވިޔަފާރިވެރިންނާ ގެސްޓްހައުސް ހިންގާ ފަރާތަކާ ބައްދަލުކުރައްވައި އެބޭފުޅުންނަށް ދިމާވާ ދަތިތައް ވެސް އޮޅުންފިލުއްވާފަ އެވެ.

މިއަދު ހެނދުނު އެމަނިކުފާނު ވަނީ އުކުޅަހު ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ. އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވައިފައިވަނީ މަތިވެރިއަށެވެ. އެރަށަށް ޒިޔާރާތްކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ހެލްތް ސެންޓަރަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވާލައްވާފަ އެވެ.

މަތިވެރިއަށް ކުރެއްވި ޒިޔާރަތަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާފައިވަނީ ބޮޑުފޮޅުދޫ އަށެވެ. އެރަށުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގެ މިސްކިތް ހުޅުއްވާދެއްވާފަ އެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ އެރަށުގެ ގޮނޑުދޮށަށް ޒިޔާރަތްކުރައްވައި ގިރާ ސަރަޙައްދު ބައްލަވާލައްވާފަ އެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށުގެ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވައިލައްވާފަ އެވެ.

މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައިފައިވަނީ ހިމަންދޫ އަށެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހިމަންދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close