ޚަބަރު

ތިނަދޫގެ ހާލަތު ގޯސް، ޒިންމާއަޅުވަނީ އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި

ގދ. ތިނަދޫގައި ކޮވިޑް19 ކޮންޓްރޯލްނުވެ ފެތުރެމުންދާތީ ރަށުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި ޢާމު ޙާލަތުވަނީ ގޯސްވެފައެވެ. އިއްޔެވެސް ނެގި ރެންޑަމް ސާމްޕަލްތަކުން ވަނީ ގިނަ ބަޔަކު އެރަށުން ބައްޔަށް ފައްސިވެއްޖެ އެވެ

މިހާރުވެސް އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 131 މީހަކު ރެކޯޑްކުރެވިފައިވާއިރު ރަށުގައި ކޮވިޑް ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާ ދިއުން އެއްބަޔަކު އަޅުވަނީ އަނެއްބައެއްގެ ބޮލުގައެވެ.

އެންމެފަހުންލިބުނު މަޢުލޫމާތަށް ބަލާއިރު އެރަށުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 56 މީހެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި ނަތީޖާ ނުލިބޭ 124 ސާމްޕަލް އެބަހުއްޓެވެ. އަދި މީގެ އިތުރުން އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިވަގުތު އެރަށުގެ ކޮވިޑް ފެސިލިޓީގައި 5 މީހަކަށް ފަރުވާ ދެމުން އެބަދެއެވެ. އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

ރަށުގެ ހާލަތު ގޯސްވެފައިވާއިރު އެލްޖީއޭގެ އުޞޫލުތަކާއި ޚިލާފަށް ގދ.ތިނަދޫގައި ރަށު އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް އެކުލަވާލި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ތިނަދޫ އީއޯސީގައި 30 މެމްބަރުން ހިމެނޭއިރު އެލްޖީއޭގެ ޤަވާއިދުގައި ބުނަނީ ކޮވިޑްގެ ހާލަތުގައި ހަރަކާތްތެރިވުމަށް އެކުލަވާލާ އީއޯސީގައި ހިމެނެންޖެހޭނީ 20 މެމްބަރުން ކަމުގައެވެ.

ތިނަދޫ އީއޯސީގެ މެމްބަރުން ހިމެނޭ ވައިބަރ ގްރޫޕްގެ ޗެޓްލޮގެއްގެ ސްކްރީން ޝޮޓެއް މިހާރުވަނީ ސޯޝަލް މީޑިއާއަށް ލީކް ކޮށްލާފައެވެ. އެ ސްރީން ޝޮޓުން ފެންނަގޮތުގައި އެގްރޫޕްގައި 30 މެމްބަރުން އެކުލެވިގެންވެއެވެ.

މިއާއި އެކު ތިނަދޫގެ މަޝްރަޙްވަނީ ހޫނުވެފައެވެ. އެއްބަޔަކު ބުނަނީ އަނެއްބަޔަކު ޒިންމާ އަދާނުކުރާ ވާހަކައެވެ.

ތިނަދޫ މުޖުތަމައުގެ ތެރެއިން ކޮވިޑް 19 ގެ ކޭސް ތައް ފެނި ރަށުގެ ރައްޔިތުން ނުތަނަވަސް ވެފައިވާ މި ދަނޑިވަޅުގައި މިހާރު އޮތް ހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް އުޅޭކަމަށް އެރަށުގެ ބައެއް މީހުން ދަނީ ބުނަމުންނެވެ. ފޭސްބުކާއި ޓްވިޓަރ މެދުވެރިކޮށް އެމީހުންގެ ޝުޢޫރުތައް ދަނީ ފާޅުކުރުމުންނެވެ.  

ހާލަތު ގޯސްވެފައިވާ މިންވަރުން އިތުރު ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ކުރިއަށް އޮތް ހަ މަހުގައިވެސް ތިނަދޫ މިހާރު އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓެންޓް އިން އޯތޮޕެޑިކްސް އަދި ކޮވިޑް ފެސިލިޓީ މެނޭޖަރ ޑރ އަހުމަދު ޢާޒިމް ވަނީ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައެވެ.

އަދި ރަށް ފުލް ލޮކްޑައުން އަކަށް ދިޔުން މުހިންމު ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close