ދީން ސަލާމް ގޮވުމުގެ މުހިންމުކަން

ސަލާމް ގޮވުމުގެ މުހިންމުކަން

ސަލާމް ގޮވުމުގެ މުހިންމުކަން

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

"ސަލާމް" އަކީ އަރަބި ބަހެކެވެ. މީގެ މާނައަކީ "އަމާންކަން" ނުވަތަ "ސުލްހަވެރިކަން" އެވެ. މީގެ އިތުރުން ގެއްލުމެއް ނުވުމާއި، މަންފާ ލިބުމާއި، ނުބައިކަންކަމުން ރައްކާތެރިވުމަށްވެސް މި ބަސް ބޭނުންކުރެވެއެވެ. "އައްސަލާމް" އަކީ މާތްﷲގެ އިސްމުފުޅުތަކުގެ ތެރެއިން އިސްމުފުޅެކެވެ. އެ އިސްމުފުޅުގެ މާނައަކީ "އެކަލާނގެ އިސްމުފުޅުގެ ބަރަކާތް ތިބާގެ މައްޗަށް ފޭބުމެވެ." އެހެންކަމުން، މީހަކު އަނެކަކަށް ސަލާމް ގޮވުމުން އެ ބުނެވެނީ "އަހުރެން ތިބާއަށް އަމާންކަމާއި ރައްކާތެރިކަން ދެމެވެ. އަދި ތިބާއަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުމުގެ ގަސްދެއް އަހުރެންގެ ނެތެވެ."

މުސްލިމުން އެކަކު އަނެކަކާ ބައްދަލުވުމުން "އައްސަލާމް އަލައިކުމް" ކިޔައި ސަލާމް ކުރަންޖެހެއެވެ. އަދި ސަލާމްގެ ޖަވާބުގައި "ވައަލައިކުމުއްސަލާމް" ކިޔަންވާނެއެވެ. ސަލާމް ގޮވުމުން ލިބޭ ފަދަ ސަވާބެއް ސަލާމްގެ ޖަވާބު ދިނުމުންވެސް ލިބިގެންވެއެވެ. ސަލާމް ގޮވުމަކީ ސުންނަތެކެވެ. ނަމަވެސް ސަލާމްގެ ޖަވާބު ދިނުމަކީ ފަރުޟެކެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ: "މާތްﷲގެ ޙަޟްރަތުގައި އެންމެ މާތް މީހަކީ، އިސްވެ ސަލާމް ގޮވާ މީހާއެވެ." (އަބޫ ދާވޫދު). ސަލާމް ފެތުރުމަކީ އީމާންކަމުގެ ބައެއް ކަމުގައި ރަސޫލާ (ޞޢޥ) ލެއްވުމުން، އެއީ އިސްލާމްދީނުގައިވާ އެންމެ މާތް ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަން އެނގެއެވެ.

ސަލާމް ގޮވުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ކީރިތި ރަސޫލާ (ޞޢޥ) ޙަދީޘްކުރައްވާފައިވެއެވެ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް ފަސް ޙައްޤެއް ވެއެވެ: ސަލާމްގެ ޖަވާބު ދިނުމާއި، ބަލިވުމުން ޒިޔާރަތްކުރުމާއި، ޖަނާޒާގައި ބައިވެރިވުމާއި، ދައުވަތު ޤަބޫލުކުރުމާއި، ކިނބިހި އެޅުމުން ހެޔޮ ދުޢާކުރުމެވެ (ޔަރްޙަމުކަﷲ ކިއުމެވެ)." (ބުޚާރީ).

ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށްވެސް މުސްލިމުން ސަލާމް ކުރަންވާނެއެވެ. ސަލާމް ކުރުމުގެ ސަބަބުން މުޖުތަމަޢުގައި އެކަކު އަނެކަކާ އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިވެއެވެ. ކީރިތި ޤުރުއާނުގައި ސަލާމާ ބެހޭގޮތުން މާތްﷲ ވަޙީކުރައްވާފައިވެއެވެ: "އަދި އީމާންވެ، ޞާލިޙު އަމަލުތައްކުޅަ މީހުން، އެތަންތަނުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެއެވެ. އެކަލާނގެ އިޛުނަފުޅާއެކު އެތާނގައި އެބައިމީހުން ދެމިތިބޭނެތެވެ. އެތާނގައި އެބައިމީހުންގެ ތަޙިއްޔާއަކީ (އެބަހީ: އެކަކު އަނެކަކާ ބައްދަލުވާއިރު ބުނާ ބަހަކީ) ސަލާމެވެ." (އިބްރާހީމް ސޫރަތް: 23). އަހަރެމެން ކޮންމެ މީހަކީވެސް "އައްސަލާމް އަލައިކުމް" ކިއުމަށް އާދަކުރަންޖެހޭ މީހެކެވެ. ގެއަށް ވަންނަ ހިނދުގައްޔާއި، ކުޑަކުއްޖަކާ ނުވަތަ ބޮޑު މީހަކާ ބައްދަލުވާ ކޮންމެ ހިނދަކު ސަލާމް ކުރާށެވެ.

"އައްސަލާމް އަލައިކުމް" ކިއުމުގެ ފައިދާތައް:

"އައްސަލާމް އަލައިކުމް" ކިއުމަކީ ބޮޑުވެގެންވާ ދަރުމައާއި ސަވާބު ލިބޭ ކަމެކެވެ.

ސަލާމް ކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ. އެއްފަހަރަކު މީހަކު ރަސޫލާ (ޞޢޥ) އަރިހުގައި އިސްލާމްދީނުގެ އެންމެ ހެޔޮވެގެންވާ ކަމަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: "ބަނޑުހައިވެފައިވާ މީހުންނަށް ކާންދިނުމާއި، ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ކުރުމެވެ." (ބުޚާރީ).

ލޮބުވެތި ރަސޫލާ (ޞޢޥ) ޙަދީޘްކުރައްވާފައިވެއެވެ: "ދެ މުސްލިމަކު ބައްދަލުވެ (ސަލާމްކޮށް)، ސަލާމްކޮށްލުމަށްޓަކައި އަތާއި އަތް ޖޯޑުކޮށްލައިފިނަމަ، އެ ދެމީހުން ވަކިވުމުގެ ކުރިން އެމީހުންގެ ފާފަތައް ފުއްސަވައިދެއްވައެވެ." (އަބޫ ދާވޫދު). އެހެންކަމުން ސަލާމް ކުރުމަކީ ފާފަތަކުން ދުރުހެލިވުމަށް ލިބޭ ވަސީލަތެކެވެ.

ސަލާމް ކުރުމަކީ ސުވަރުގެ ވަނުމަށް އޮތް މަގެކެވެ. ރަސޫލުﷲ (ޞޢޥ) ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެއަކަށް ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން އީމާންވީ ކަމަކަށް ނުވާނެއެވެ. ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނެ ކަމެއް އަހުރެން ބުނެދެން ހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ." (މުސްލިމް).

ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ: "އަދި އެބައިމީހުންގެ ވެރިރަސްކަލާނގެއަށް ތަޤުވާވެރިވި މީހުން، ބައިބަޔަށް ސުވަރުގެއަށް ގެންދަވާނެއެވެ. އެބައިމީހުން އެތަނަށް އަންނަ ހިނދު، އެތަނުގެ ދޮރުތައް ވަނީ ހުޅުވިފައެވެ. އެތަނުގެ ބަލަހައްޓަވާ މަލާއިކަތުން އެބައިމީހުންނަށް ވިދާޅުވާނެއެވެ: ތިޔަބައިމީހުންގެ މައްޗަށް "ސަލާމް" ހުއްޓެވެ. ތިޔަބައިމީހުން ރަނގަޅުވެއްޖެއެވެ. ފަހެ، އެތަނުގައި ދެމިތިބޭ ގޮތުގައި އެތަނަށް ވަންނާށެވެ." (ޒުމަރު ސޫރަތް: 73). މި އާޔަތުން އެނގެނީ ސަލާމަކީ ސުވަރުގޭގެ އަހުލުވެރިންގެ ތަޙިއްޔާ ކަމެވެ.

ސަލާމަކީ އަމާންކަމާއި ބަރަކާތަށް އެދި ކުރެވޭ ދުޢާއެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ސަލާމަކީ މާތްﷲ އަހަރެމެންނަށް މިންވަރުކުރައްވާފައިވާ ބަރަކާތެކެވެ. އެހެންކަމުން، މާތްﷲގެ ޙަޟްރަތުން ސަވާބު ހޯދުމަށްޓަކައި އަހަރެމެން ސަލާމް ބޭނުންކުރަންޖެހެއެވެ. ސަލާމްގެ ސަބަބުން އެކަކު އަނެކަކާ ގާތްކަން އުފެދި، ބޮޑާކަމާއި ކިބުރުވެރިކަން ހިތްތަކުން ފިލައިގެންދެއެވެ. "އައްސަލާމް އަލައިކުމް" ކިއުމުގެ ސުންނަތް ދިރުވުމުގެ ތައުފީޤު މާތްﷲ އަހަރެމެންނަށް ދެއްވާށި! އާމީން.

ޓެގް

އިސްލާމްދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.