ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންގެ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފި
މިދިޔަ ޖޫން މަހު ތޫނު އެއްޗަކުން ހަމަލާދީ މަރާލި އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާ މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންގެ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ފުލުހުން ސީނަށް ދިޔައިރު ޒަޔާނަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހަށިގަނޑުން ބޭރުވަމުންދިޔަ ލޭ މަނާކުރަން އޭނާގެ މަންމަ އާއި އާއިލާގެ މީހުން މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.
ޒަޔާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދިން ނަމަވެސް އެވަގުތު ކޮންމެވެސް ވަރަކަށް އޭނާ އަށް ވާހަކަ ދެކެވޭ ކަމަށްވެސް ސާމިހު ވިދާޅުވި އެވެ.
“މިހަމަލާއާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމުގައި އެވަގުތު ޒަޔާނާއި ފުލުހުން ސުވާލު ކޮށްފައިވޭ. އެގޮތުން ޒަޔާންއާ ސުވާލު ކުރުމުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ގޮތުން ޒަޔާން އެވަގުތު ވާހަކަދައްކާފައިވޭ.” ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށާއި މިއީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެއް ކަމަށެވެ.
“ޒަޔާންއަށް ހަމަލާދިނުމަށް ދުރާލާ ރޭވި ޒަޔާން ދިރިއުޅޭ ގެއަށް މެންދަމުގެ ވަގުތު ހަމަލާދިނުމުގެ ބޭނުމުގައި ބަޔަކު ވަގަށް ވަދެ، ޒަޔާނަށް ފާރަވެރިވެ ތިބުމަށް ފަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒަޔާނަށް ހަމަލާދީފައިވާކަން ފާހަގަ ކުރެވޭ،” ސާމިހް ވިދާޅުވި އެވެ.
މީގެއިތުރުން ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހަން މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހެކިތަކުން ފާހަގަކުރެވޭ ކަމަށްވެސް ސާމިހު ވިދާޅުވި އެވެ. އެގޮތުން ހަމަލާދިނުމުގައި އަދި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށް ސާމިހު ވިދާޅުވި އެވެ. އެއީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެކެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތަށް ޖުމްލަ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.

