ޚަބަރު ޕްރައިމަރީގައި ޢަބްދުﷲ ޝަހީދަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން – އީސަ

ޕްރައިމަރީގައި ޢަބްދުﷲ ޝަހީދަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަން – އީސަ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޫކުރުމަށް ބާއްވާ ޕްރައިމަރީގައި ނ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް އިޢުލާން ކުރައްވާފައިވާ ޢަބުދުﷲ ޝަހީދަށް ޕްރައިމަރީގައި ތާއީދު ކުރައްވާނެކަން ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަޙްމަދު ޢީސާ (އީސަ) ހާމަކުރައްވައިފިއެވެ.

އީސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި “އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޢަބްދުﷲ ޝަހީދަކީ ނ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ގާބިލު، ތެދުވެރި އިޚްލާސްތެރި، އަދި އެފަދަ މަގާމެއް އަދާކުރުމުގެ ސިޔާސީ ތަޖުރިބާ ހުރި ބޭފުޅެއް” ވިދާޅުވެފައިވެއެވެ.

އަދި ޕްރައިމަރީގައި އީސަ ތާއީދު ކުރައްވާނީވެސް ޝަހީދަށް ކަމަށް އެޓްވީޓްގައި އިތުރަށް ވިދާޅުވެފައިވެއެވެ. ޝަހީދަކީ ނ.މާޅެންދުއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

އީސަގެ ވިސްނުން ހުރިގޮތް ހާމަކުރައްވާ ޓްވީޓެއް ކުރައްވާފައިވާއިރު ނ.އަތޮޅުގެ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ އިސް އެކްޓިވިސްޓެއްކަމުގައިވާ ބަޝީރު (ބައްޓޭ) ވެސްވަނީ އިޢުލާން ކުރައްވާފައެވެ. އަދި ތާއީދު ހޯއްދެވުމަށް ނ.އަތޮޅުގެ ގިނަރަށްތަކަކަށް ބައްޓޭ ގެންދަވަނީ ދަތުރުތަކެއްވެސް ކުރައްވަމުންނެވެ.

ބައްޓޭއަކީ ނ.ޅޮއްސަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅަކަށްވާއިރު ރައީސް ނަޝީދުގެ ވަރަށް ގާތްބޭފުޅެކެވެ.    

ބަޝީރު (ބައްޓޭ) ރައީސް ނަޝީދުގެ އަރިހުގައި (މެދު) ގައި

އެމްޑީޕީން ވަނީ ކައުންސިލް އިންތިހާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީއަށް މިހާރު ފުރުސަތު ހުޅުވާލާފައެވެ.

އެޕާޓީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުން ކުރިމަތިލާން ބޭނުންވާ ދާއިރާއެއްގެ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއަށް ކުރިމަތި ލުމަށްއެދި ހުށަހަޅާ ފަރާތުން ތާއީދު އޮތްކަން އަންގައިދޭ ލިޔުމެއްވެސް ހުށައަޅަންޖެހެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާ ގޮތަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

ޓެގް

މެމްބަރ އަޙްމަދު ޢީސާ ޕްރައިމަރީ ލޯކަލް ކައުންސިލްއިންތިޙާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.