މޭރީ މަރާލި މައްސަލަ: ފިރިމީހާ މާވިން އުމުރަށް ޖަލަށްލާން ކޯޓުން ހުކުމްކޮށްފި

އައިޖީއެމްއެޗްގެ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ކުށް ސާބިތުވެފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އުމުރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
ކުރިން ބޭއްވި ޝަރީއަތުގައި މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، މިއަދު ކުރިއަށްދިޔަ އަޑުއެހުމަކީ އޭނާއަށް ދޭނެ އަދަބު ކަނޑައެޅުމަށް ބޭއްވި ޚާއްޞަ މަޖިލީހެކެވެ.
މި މައްސަލައިގެ އަދަބާ ބެހޭގޮތުން ވާހަކަދައްކަމުން ދައުލަތުގެ ވަކީލުން ވަނީ، މާވިންއަކީ މޭރީގެ ފިރިމީހާގެ އިތުރުން އެމީހުންގެ ދަރިފުޅުގެ ބައްޕަ ކަމަށްވެފައި، އަދި އޭނާއަކީ ސިއްހީ ދާއިރާގެ މާހިރަކަށް ވާއިރުވެސް، މި ލޭއޮހޮރުވުން ހިންގާފައިވަނީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރަހުމްކުޑަ ގޮތަކަށްކަން ފާހަގަކޮށްފައެވެ. އެހެންކަމުން ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއްގެ ގޮތުގައި އޭނާ އުމުރަށް ޖަލަށްލުމަށް ދައުލަތުން އެދުނެވެ.
ކޯޓުން މާވިންއަށް އޭނާގެ ދިފާއުގައި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން، މި މައްސަލާގައި އިތުރަށް ބުނާނެ އެއްވެސް ބަހެއް ނެތް ކަމަށް ބުނެ އޭނާ ވަނީ ހަނދުވުން ޚިޔާރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފެށުނީއްސުރެ ހުކުމް އިއްވުމާ ހަމައަށްވެސް މާވިން ހުރީ ފުލުހުންގެ ބަންދުގައެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ އެނގިހުރެ މަރާލަން މާވިން މެދުވެރިވީ، އޭނާއާ އެކު އައިޖީއެމްއެޗްގައި މަސައްކަތްކުރި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާއާ ދެމެދު އޮތް ސިއްރު ލޯބީގެ ގުޅުމެއްގެ ސަބަބުން އުފެދުނު މައްސަލަތަކެއްގައެވެ. މި މަރުގެ ހާދިސާގައި ބައިވެރިވުމުގެ ކުށާއި އެހެނިހެން ދައުވާތައް ސާބިތުވެފައިވާ ލަމްހާއަށް ދޭނެ އަދަބެއް ކަނޑައެޅުންވެސް މިއަދުގެ ޝަރީއަތަށް ވަނީ ތާވަލުކޮށްފައެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މާވިންއާ ބެހޭގޮތުން އެނގިފައިވާ އިތުރު ޚަބަރުތަކަށް ބަލާއިރު، ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރު އޭނާ ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން “ޔޫސުފް” ގެ ނަމަށް ރަސްމީކޮށް ބަދަލުކޮށްފައެވެ. މިކަން އޭނާގެ ފަރާތުން މީގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށްވެސް ވަނީ ލިޔުމުން ހުށަހަޅާފައެވެ.

