ޚަބަރު

އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެޕާޓީގެ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް އޮތް ގޮތަށް ފާސް ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުމުން އެޕާޓީގެ މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އަލީ އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހްތައް ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ އޮގަސްޓް 28 ވަނަ ދުވަހުއެވެ. ސަރުކާރު ހިންގާ، އެމްޑީޕީގެ ޕާލިމަންޓްރީ ގްެރޫޕުން ތްރީލައިން ވިޕެއް ނެރެފައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެެވެ.

އެކަމާއި ގުޅިގެން އާޒިމް ވިދާޅުވީ އެކަމާ ގުޅިގެން ކޮމެޓީން ޓޫރިޒަމް ސެކްޓަރާއި، ވިޔަފާރިވެރިންނާއި އަދި ފިނޭންސް މިނިސްޓަރާއެކުގައި ވެސް މަޝްވަރާ ކުރުމުގެ ކުރިން ތްރީލައިން ވިޕެއް ނެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

“މަޝްވަރާ ކުރުމުގެ ކުރިން، ބިލު އޮތްގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމުން ހިތަށް ވަންނަނީ ބިރުވެރި ހުދުމުހުތާރު ތަސައްވުރެއް” އޭނާ ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

ޖީއެސްޓީ- %6 އިން %8 އަށް ބޮޑުކުރުމަށް
ޓީޖީއެސްޓީ- %12 އިން %16 އަށް ބޮޑުކުރުމަށް
ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވެއެވެ.

މި ބިލަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރެއްވި ގިނަ މެންބަރުން ވެސް ވިދާޅުވެފައިވަނީ ބިލު އިތުރަށް ދިރާސާކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

“ވިޔަފާރިވެރިން ގެންނަން ޖެހޭ. ފިހާރަ ހިންގާ ފަރާތްތަކާ އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް ބަޔަކު ގެނެސްގެން މިއާ ބެހޭ ގޮތުން އެބަ ވާހަކަ ދައްކަން ޖެހޭ. ކިހާ ގެއްލުމެއް އެ ފަރާތްތަކަށް ވާނެތޯ، އަޅުގަނޑުމެން މިފަދަ ކަމެއް ކޮށްފި ކަމަށް ވަނީ ނަމަ، ބަލަން ޖެހޭ،” މަޖިލީހުގައި ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2.5 ބިލިއަން ރުފިޔާ ހޯދަން ދައުލަތަށް ކުރެވިދާނެ އެހެން ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި އެގޮތުގައި ޓެކްސް ބޮޑުކުރަން އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ.

“އެހެންވީމަ 2.5 ބިލިއަން ރުފިޔާ ހޯދަން ރައްޔިތުންގެ އަތުން ޓެކްސް ނަގާކަށް އަޅުގަނޑެއް ހަމަ ޔަގީނުން ވެސް އެއްބަހެއް ނޫން” އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close