ޚަބަރު ދަރިފުޅު ބަލަން މަސައްކަތު ގަޑީގައި ހުސްވަގުތު ލިބި، ކޯޓާ ފީއަށް ލުއިދޭ ބިލު ތަސްދީގުކުރައްވައިފި

ދަރިފުޅު ބަލަން މަސައްކަތު ގަޑީގައި ހުސްވަގުތު ލިބި، ކޯޓާ ފީއަށް ލުއިދޭ ބިލު ތަސްދީގުކުރައްވައިފި

ދަރިފުޅު ބަލަން މަސައްކަތު ގަޑީގައި ހުސްވަގުތު ލިބި، ކޯޓާ ފީއަށް ލުއިދޭ ބިލު ތަސްދީގުކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މައިންބަފައިންނަށް ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން މަސައްކަތު ގަޑީގައި ކުއްޖާ ބެލުމަށް ހާއްސަ ވަގުތުކޮޅެއް ލިބޭ ގޮތަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބިދޭސީންގެ ކޯޓާ ފީ ދެއްކުމުގައި ލުއިތަކެއް ލިބޭގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މި މަހުގެ 8 ވަނަ ދުވަހު ފާސްކުރި، ވަޒީފާއާ ބެހޭ ގާނޫނުގެ 9 ވަނަ އިސްލާހު ރައީސް މިއަދު ތަސްދީގު ކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހަމަހަމަކަމާއެކު ރައްކާތެރިކޮށްދީ، ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލެއް ގެނައުމެވެ.

އާ އިސްލާހުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މައިންބަފައިންނަށް ލިބޭ ލުޔެވެ. އެގޮތުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ނިންމައި ވަޒީފާއަށް އެނބުރި ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް ދެ އަހަރު ފުރެންދެން ކުއްޖާ ބެލުމަށްޓަކައި ދުވާލަކު ދެ ފަހަރު، ކޮންމެ ފަހަރަކު 30 މިނެޓުގެ ހުސްވަގުތުކޮޅެއް މުވައްޒަފަށް ލިބޭނެއެވެ. އަދި މި ވަގުތަކީ މުސާރައިން އެއްވެސް މިންވަރެއް އުނިނުކުރެވޭނެ ވަގުތެއްކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައްވެސް ވަނީ ހަރުދަނާކޮށްފައެވެ. މިހާރު ގާނޫނު އޮތްގޮތުން، އެއް އަހަރަށް ވުރެ ކުރު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާއިން ވަކިކުރެވޭނީ ދެ ހަފްތާގެ ނޯޓިހެއް ދިނުމަށް ފަހުގައެވެ. ނަމަވެސް، ނޯޓިސް ދިނުމުގެ ބަދަލުގައި އެ މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށްފަހުވެސް ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ވަޒީފާދޭ ފަރާތަށް ވަނީ ދީފައެވެ.

ވިޔަފާރިތަކަށް އޮތް ލުޔަކަށް ބަލާއިރު، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަކުން ގެންނަ ބިދޭސީންގެ ކޯޓާ ފީ މުރާޖައާކުރުމަށް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. އަދި ވަކި ބާވަތްތަކެއްގެ ވިޔަފާރިތަކުން ކޯޓާ ފީ ދެއްކުން މާފުކުރުމުގެ ބާރު ނުވަތަ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ވަނީ ދީފައެވެ.

މި މުހިންމު ބަދަލުތަކުގެ އިތުރުން، ކޮންމެ އަހަރެއްގެ މޭއި މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް މި އިސްލާހުގެ ދަށުން މިހާރު ވަނީ ގާނޫނީ ގޮތުން ކަނޑައަޅާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.