ޚަބަރު

އާދަމް އާޒިމް ހޮވަން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެން: އަލީ އާޒިމް

ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ، މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވުމާ ގުޅިގެން، އޭނާ ދެވަނަ ދައުރަކަށް ހޮވުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވާދަވެރި ކެންޑިޑޭޓް އަލީ އާޒިމް ވަނީ ދެއްވާފަ އެވެ.

ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރުމާ އެކު، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވަނީ އާދަމް އާޒިމަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެ ފޯނު ކޯލުގައި އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި، ދެން އޮތް އަމާޒަކީ އެންމެން ގުޅިގެން މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.

“އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދެން. އިރާދަކުރެއްވިއްޔާ މަސައްކަތްކުރާނަން [މޭޔަރުކަމުގެ ގޮނޑި އެ ޕާޓީން ނެގުމަށް]،” އަލީ އާޒިމް ވިދާޅުވި އެވެ.

ޕްރައިމަރީގެ ކާމިޔާބީއަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އާދަމް އާޒިމް ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެ، ޕާޓީގެ ރޫހު އާލާވި ކަމެއް ކަމަށެވެ. އަދި މިފަދަ އިންތިހާބުތަކަކީ ގައުމުގައި ހުރި މައްސަލަތައް ހާމަކޮށް، ޕާޓީ އިތުރަށް ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އާޒިމް އިތުރަށް ގޮވާލެއްވީ، މާލެ ސިޓީއާއި މުޅި ރާއްޖޭގެ ކައުންސިލްތައް ކާމިޔާބުކޮށް، “ސަރުކާރު މައިތިރިކުރުމަށް” އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ.

މި ޕްރައިމަރީގައި އެންމެ ފޯރިގަދަ ކެމްޕެއިނެއް ފެނިގެންދިޔައީ އާދަމް އާޒިމާއި އަލީ އާޒިމާ ދެމެދުގަ އެވެ. ކެމްޕެއިންގެ ތެރޭގައި ދެ ބޭފުޅުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ނަމަވެސް، އިންތިހާބަށް ފަހު ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ޕާޓީގެ މަސްލަހަތުގައި އެކަތިގަނޑެއްގެ ގޮތުގަ އެވެ.

އިއްޔެ މެންދުރު ފަހު 2:00 އިން ރޭގަނޑު 8:00 އަށް ކުރިއަށް ދިޔަ މި ޕްރައިމަރީގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ޓިކެޓަށް ޖުމްލަ 129 ކެންޑިޑޭޓުން ވާދަކުރި އެވެ. އޭގެ ތެރޭގައި ރަށްރަށުން 92 ކެންޑިޑޭޓަކާއި ފަސް ސިޓީއަކުން 37 ކެންޑިޑޭޓަކު ހިމެނެ އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޓިކެޓަށް ވެސް 23 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close