ޚަބަރު ކަނޑު އުޅަނދު ފަހަރުގެ ސަލާމަތާބެހޭ އައު ގަވައިދު ނެރެފި

ކަނޑު އުޅަނދު ފަހަރުގެ ސަލާމަތާބެހޭ އައު ގަވައިދު ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ ސަރުކާރށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ކަނޑު ދަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގަވާއިދު ނެރެފިއެވެ.

އެ ޤަވާޢިދަށް އަންނަ އަހަރު ޖެނުއަރީގައި އަމަލުކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހއްދުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގައި ހިމެނޭ ކަންތައްތައް އަންނަ ޖެނުއަރީ މަހުގެ 16 ގެ ކުރިން ފުރިހަމަ ކުރުމަށް އަންގާ ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެތަކެތި ހަމަ ނުކުރާ އުޅަނދުތަކުގެ ސީވާދިނަސް ބާތިލް ކުރާނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓް ނެރެފައިވާ ގަވައިދުގައިވާ ގޮތުން އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓް، ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓްފިކެޓް އަދި ސުވޭޖް ސެޓްފިކެޓް ފުރިހަމަކުރަން ޖެހެ އެވެ. ހަމައެއާއެކު އުޅަނދުފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ފަހު ދޫކުރާ ލިޔުމާއި، ކެޕްޓަނުންނާއި، ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލު ކުރާ ލައިސަންސް އަދި ސަނަދުތައް އޮންނަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެ އެވެ.

މީގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުން، ވެސެލް ޓްރެކިން ޑިވައިސް ހަރުކޮށްފައި ހުރުން، އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން، ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން، އަދި ދުއްވާ އުޅަނދުތަކުގައި މުވާސަލާތީ އާލާތްތައް ހުރުން އަދި މިންގަޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހުރުން ވެސް އެ ގަވާއިދުގައި ބަޔާންކޮށްފައި ވެ އެވެ.

ޓްރާންސްޕޯޓުން މިގަވާއިދު އާންމުކޮށްފައި މިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތަކެއް ހިނގައި އެތަކެއް ބަޔަކަށް ގެއްލުންތަކެއް ލިބުމާއި ގުޅިގެން ކަނޑު އުޅަނދުފަހަރުގައި ލައިފްޖެކްޓް ފަދަ އެއްޗެހި އެޅުން މަޖުބޫ ނުކުރާ މައްސަލައިގައި އާންމުންގެ ކަނބޮޑުވުމާއި ނުރުހުން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަމާޒުވުމުންނެވެ.

ޓެގް

ދަތުރުފަތުރު ޓްރާންސްޕޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.