މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅުނު ސައިބާ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ހާމަކުރައްވައިފިއެވެ.
ސައިބާ ސެކިއުރިޓީ ހޭލުންތެރިކަމުގެ މަހާ ގުޅުވައިގެން ދެއްވި ޚާއްސަ މެސެޖެއްގައި ސީޕީ ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އިންޓަނެޓް މެދުވެރިކޮށް ދިމާވާ ނުރައްކާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ވަކިވަކި ފަރުދުންގެ އިތުރުން ވިޔަފާރިތަކާއި ސަރުކާރުގެ މުއައްސަސާތައް ވެސް މިފަދަ ނުރައްކާތަކަށް ހުށަހެޅިފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސީޕީ ވިދާޅުވީ، ހުށަހެޅޭ ސައިބާ ކުށްތަކުގެ 68 އިންސައްތައަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ އަމަލުތައް ކަމަށެވެ. މީގެއިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސައްހަނޫން އަޑާއި، ވީޑިއޯ އަދި މެސެޖު އުފައްދައި، މީހުން މަޅީގައި ޖެއްސުމަށް ކުށްވެރިން އާ އުކުޅުތައް ބޭނުންކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މިފަދަ މަޅިތަކުގައި މީހުން ޖެހުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަކުރުން ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ޝައްކުވާ ލިންކުތަކަށް ފިތުމާއި، އޯޓީޕީ އަދި ސިއްރު ކޯޑުތައް ހިއްސާކުރުމާއި، އޮންލައިން މުއާމަލާތްތަކުގައި ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުން ހިމެނެއެވެ.
ސައިބާ ކުށްތައް ހުއްޓުވުމަށާއި ތަހުގީގުތައް ހަރުދަނާކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް ސީޕީ އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...