ރާއްޖޭގެ ޕެންޝަން ފަންޑުގައި މިހާރު ހުރި ޖުމްލަ ފައިސާގެ އަދަދު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ހާމަކުރައްވައިފިއެވެ.
ސީއީއޯ މިކަން ހާމަކުރެއްވީ އާއިލާތަކުގެ މެދުގައި މާލީ އަދި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި "3ޖެން ވޯކް" ހިނގާލުމުގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އެ ފަންޑަށް 30 ބިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށާއި، އޭގެ ތެރޭގައި މެންބަރުން ދެއްކި ފައިސާއާއި އެކި އިންވެސްޓްމަންޓްތަކުން ހޯދި މަންފާ ހިމެނޭ ކަމަށެވެ.
ފަންޑު ދެގުނައަށް ބޮޑުކުރުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ފައިދާހުރި އާ އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައި، މެންބަރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ މަންފާ ކަށަވަރުކޮށްދިނުމަށް އިދާރީ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ޔަޒްމީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޕެންޝަން ނިޒާމު ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، ގާނޫނީ ގޮތުން މި ސްކީމުގައި ބައިވެރިވާންޖެހޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބައިވެރިނުވެ ތިބި މީހުން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަންޑަށް ދައްކަންޖެހި ނުދައްކައިވާ ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އެއް އަހަރު ތެރޭގައި ހޯދައި ނިންމާނެ ކަމަށްވެސް ހާމަކުރެއްވިއެވެ.
ހަނިމާދޫ ކައުންސިލާއި ރައްޔިތުންގެ ބޮޑު އެއްބާރުލުމަކާއެކު ކުރިއަށްގެންދިޔަ މި ހަރަކާތަކީ މުސްތަގުބަލަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމުގެ އިތުރުން ރިޓަޔާމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން އާންމުންނަށް ވިސްނައިދިނުމުގެ މަގްސަދުގައި ބޭއްވުނު ކާމިޔާބު ހަރަކާތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...