ސްޕޭސްއެކްސް އިން ޔޫކްރެއިންގައި ދޭ އިންޓަނެޓްގެ ޚިދުމަތް މެދުކަނޑައި ނުލާނެކަމަށް އީލޮން މަސްކް ބުނެފި
ދުނިޔޭގެ އެންމެބޮޑު މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ޔޫކްރޭނުގައި ދެމުންގެންދާ ސްޓާލިންކް އިންޓަނެޓް ގެ ޚިދުމަތް މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ ކަމަށް އީލޮން މާސްކް ބުނެފިއެވެ. އޭނާ ބުނީ އެއީ ހެޔޮއަމަލެއް ކަމަށާއި، ހެޔޮ އަމަލުތައް ކުރަން ބޭނުންވާ ކަމަށެވެ.
އީލޮން މާސްކް މީގެ ކުރިން ބުނެފައިވަނީ ޔޫކްރޭނުގައި ކުރިއަށް ގެންދާ ސްޓާލިންކް އިންޓަނެޓް ޚިދުމަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ސްޕޭސްއެކްސް އިން ނުދެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މަސްކް ގެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
އެހެންނަމަވެސް އީލޮން މާސްކް ހޮނިހިރު ދުވަހު ބުނީ އޭނާގެ ރޮކެޓް ކުންފުނި ސްޕޭސްއެކްސް އިން ޔޫކްރޭނުގައި ކުރިއަށް ގެންދާ ސްޓާލިންކް އިންޓަނެޓް ހިދުމަތަށް ފައިސާ ދިނުން މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށާއި އެއީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ މިހެން ބުނެފައި އެވަނީ، އޭނާގެ ކުންފުނިން އެކަން ކުރެވޭނެ ގޮތެއް ކުރިއަށް އޮތް ތަނުގައި ނެތް ކަމަށް ބުނިތާ އެއް ދުވަސް ފަހުންނެވެ.
މަސްކް ކުރި ޓްވީޓެއްގައި ބުނީ “ދަ ހެލް ވިތު އިޓް… ސްޓާލިންކަށް މާލީގޮތުން ގެއްލުން ތަކެއް ލިބިގެންދިޔަ ނަމަވެސް އަދި ޔޫކްރެއިން ސަރުކާރުން އެހެން ކުންފުނިތަކަށް ޓެކްސްގެ ގޮތުގައި ބިލިއަން ޑޮލަރު ދައްކަމުން ދިޔަ ނަމަވެސް، އަޅުގަނޑުމެން ހަމައެކަނި ޔޫކްރޭން ސަރުކާރަށް ހިލޭ ފައިސާ ދިނުން ކުރިއަށް ގެންދާނަން” ކަމަށެވެ.
ޓެސްލާގެ ސީއީއޯ ހުކުރު ދުވަހު ބުނީ ސްޕޭސްއެކްސް އަށް ޔޫކްރޭނުގައި ސްޓާލިންކަށް މުއްދަތެއް ނެތް ގޮތަށް ފައިސާ ނުދެވޭނެ ކަމަށެވެ. މާނައަކީ އެކަން މެދުކަނޑާލަން ޖެހިދާނެކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ޔޫކްރެއިންގެ އަސްކަރިއްޔާ އާއި އެޤައުމުގެ ވެރިންނާއި، ރައްޔިތުން ނަށް އޮންލައިން ވުމުގެ ފުރުޞަތު ލިބިގެން ދާކަމަށް އޭނާ ބުނެފައިވެއެވެ.
މަސްކްގެ ވިސްނުން ބަދަލުވުމުގެ އަސްލަކީ ކޮބައިކަން ސާފު ނުވި ނަމަވެސް، އެއީ ހަޤީޤީ ނިންމުމެއްކަން އޭނާ ފަހުންކުރި ޓްވީޓެއްގައި އިޝާރާތް ކޮށްފައިވެއެވެ.
ބިލިއަނަރު ވަނީ އޭނާ ހުށަހެޅި ސުލްހައިގެ ޕްލޭނަކާ ގުޅިގެން ޔޫކްރޭންގެ އޮފިޝަލުންނާ އޮންލައިންކޮށް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ޔޫކްރެއިންގެ އިސްފަރާތްތަކުން މަސްކުއާއި މެދު ތުހުމަތު ކުރީ އޭނާއަކީ ރަޝިޔާއަށް މާ ބޮޑަށް ހަމްދަރުދީ ވާ މީހެއްކަމަށެވެ.
މަސްކުގެ އެ މަޝްރޫޢުއަށް ފަންޑު ހޯދުމަށް ޕެންޓަގަން އަށް އެދުނު ކަމަށް މީޑިއާ ރިޕޯޓެއްގައި ބުނެފައިވާއިރު، އޭރު މާސްކް ބުނެފައި އޮތީ ސްޓާލިންކުން މަހަކު ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހޭދަކުރަމުންދާ ކަމަށާއި، އޭނާ ބުނީ އެ ފައިސާއަކީ ހަމައެކަނި ޔޫކްރޭނުގައި ސެޓެލައިޓްގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހޭދަކުރާ ފައިސާއެއް ކަމަށެވެ.
އޭގެ އިތުރުން މަސްކް ބުނީ ސްޕޭސްއެކްސް އިން ޔޫކްރޭނުގައި ސްޓާލިންކް އަށް ފުރުސަތު ދިނުމާއި ސަޕޯޓް ދިނުމަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު މިހާތަނަށް ހަރަދުކޮށްފައި ވާނެކަމަށެވެ.
މިވާހަކަތަކާއި ގުޅޭގޮތުން ސްޕޭސްއެކްސްއިންވެސް އަދި ޕެންޓަގަން އިންވެސް މީޑިއާއަށް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދައިފައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ހަތިޔާރާއެކު އަރައިގަތުމުގެ ސަބަބުން އެ ޤައުމުގެ އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫއަރާފައި ވަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު މަސްކް ވަނީ ޔޫކްރޭންގައި ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް ދޭންފަށާފައެވެ. އޭގެ ފަހުން އެ މަޝްރޫޢަށް ސަޕޯޓް ދިނުމުގެ ގޮތުން މަސްކްގެ ސްޕޭސްއެކްސް ކުންފުނިން ވަނީ އެތައް ހާސް ޓާމިނަލްތަކެއް ދީފައެވެ.
