ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކާއި، އެހެން ޤައުމުތަކާއެކު އޮންނަ ޚާރިޖީ ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓްގެ ލަޤަބު މިއަދު އަރުވައިފިއެވެ.
މި ޝަރަފު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބޮޑުވަޒީރުގެ ރަސްމީ ގޭކޮޅުގައި ބޭއްވި ޚާއްޞަ އިހުތިފާލެއްގައެވެ. މި އެވޯޑު އެމަނިކުފާނާ ޙަވާލުކޮށްދެއްވީ އެ ޔުނިވަރސިޓީގެ ނައިބު ރައީސް ޕްރޮފެސަރ ޑރ. ނަދީމް އަޙްމަދު ޝައިޚެވެ.
މި ޢިއްޒަތްތެރި ލަޤަބާ ޙަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އިސްލާމްއާބާދުގެ އިސްލާމިކް ޔުނިވަރސިޓީ ފަދަ ޝަރަފުވެރި މަރުކަޒަކުން މިފަދަ އެވޯޑެއް އެމަނިކުފާނަށް އެރުވުމަކީ ލިބިވަޑައިގެންނެވި ވަރަށް މަތިވެރި ފަޚުރެއް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ބައިނަލްއަޤްވާމީ އިސްލާމީ ޔުނިވަރސިޓީއަކުން އެމަނިކުފާނަށް މިފަދަ ޝަރަފެއް އެރުވި ދެވަނަ ފަހަރެވެ. މީގެ ކުރިން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ވެސް ވަނީ އިސްލާމީ ޒަޢާމަތާއި މަދަނީ ތަރައްޤީއަށް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް އޮނަރަރީ ޑޮކްޓަރޭޓް އަރުވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިން ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލުކުރައްވައިގެން ހުންނެވި ތަޢުލީމީ ބޭފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...