ބޮޑުފޮޅަދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާއި ހިއްސާ ކޮށްފި
ބޮޑުފޮޅަދޫގެ ތަރައްޤީ އާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި، ރަށު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާއި މިއަދު ހިއްސާކޮށްފިއެވެ.
މިގޮތުން ކައުންސިލުންނާ، ރައްޔިތުން އެންމެ ކަންބޮޑުވުމަކީ ރަށުގެ ބިން ފުރުމުގެ ސަބަބުން ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިއެވެ. މީގެ އިތުރުން ވެސް އެބޭފުޅުން ވިދާޅުވިގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢު މިހާރުވެސް އެމްޓީސީސީއާ ޙަވާލުކުރެވިފައިވީ ނަމަވެސް ޢަމަލީ މަސައްކަތް ނުފެށޭތީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ބިން ހިއްކުމަށްފަހު ބޮޑުފޮޅަދޫގައި ހައުސިންގ ޕްރޮޖެކްޓް ހިންގަވައިދެެއްވުމަށް ރަށު ރައްޔިތުން އެދޭ ކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.
މިއަދު މެންދުރުފަހު ބޮޑުފޮޅުދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ބޮޑުފޮޅުދޫ ރައްޔިތުންގެ އުންމީދުތައް ރައީސާ ގުޅިފައިވާ ކަމަށް ދަންވާފައެވެ.
މީގެ އިތުރުން ވެސް ބޮޑުފޮޅުދޫ ރައްޔިތުންނާއި ކައުންސިލުން ވަނީ ރަށް ގިރާތީ ހުރި ކަންބޮޑުވުންތަކާއި، ބަނދަރު ބޮޑުކުރާނެ ޖާގަ ނެތުމުން ދެފަށް ތޮއްޓެއް ލާން ބޭނުންވާކަމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވުމާ، ޔޫތް ސެންޓަރެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ހޭންޑް ބޯލް އަދި އައުޓް ޑޯ ޖިމެއް ނެތުމުން ދިމާވާދަތިތައް ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތު ރަށު ރައްޔިތުންނާ ކައުންސިލާ ހިއްސާކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ އެމްޓީސީސީގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއްކުރަމުންދާކަން ފާހަގަކުރައްވާ އަންނަ އަހަރުގެ ފަހުކޮޅުގައި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެކަމަށާއި، ސްކޫލަށް ބޭނުންވާ 6 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިހާރުން މިހާރަށް ވަގުތީ އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށާއި، މަޑުޖެހިފައިވާ ބޮޑުފޮޅުދޫ ފެނާ ނަރުދަމާ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފެށޭނެކަމަށް ވިދާޅުވެފައެވެ.
ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ކަންކަމުގެ ތެރެއިން ހޭންޑް ބޯލް ކޯޓެއް އެޅުމަށް، ގޮތްތަކެއް ބައްލަވާނެކަމަށާއި، އައަުޓްޑޯ ޖިމް، އަދި ކުޑަކުދިންގެ ޕާކެއް ހެދުމަަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކައުންސިލް ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުފޮޅުދޫގައި ސަރުކާރުން ބިނާކުރި މިސްކިތް ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި މިސްކިތަކީ 4.44 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ 300 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރަށުގެ ގިރާ ސަރަޙައްދު ބައްލަވާލައްވައި ރަށުގެ ހެލްތް ސެންޓަރާއި މެޖިސްޓްރޭޓް ކޯޓުގެ ޙާލަތު ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ބޮޑުފޮޅުދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް އިއްޔެ ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފޮޅުދޫ ރައްޔިތުންނާއި، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ވަކި ވަކިން ބައްދަލުކުރެއްވިއެވެ.

