ރިޕޯޓް

ބޮޑުވަޒީރު ލިޒް ޓްރަސް އަށްފަހު އިނގިރޭސި ބޮޑުވަޒީރުކަމަށް ދެން ކޮންބޭފުޅެއް؟

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ލިޒް ޓްރަސް މަގާމުން ވަކިވުމާއެކު، އޭނާގެ ބަދަލުގައި ދެން އެމަޤާމަށް އިސްވާނީ ކޮން ބޭފުޅެއްތޯ މިއީ މިދުވަސްކޮޅު އިނގިރޭސި ސިޔާސީ މަޝްރަހުގައި ބަހުސްކުރެވެމުންދާ މައުލޫއެކެވެ. ބޮޑުވަޒީރު ކަމުގެ މަޤާމުން ލިޒް ޓްރަސް ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުގެ މައިގަނޑު ސަބަބެއްކަމަށް ވެފައިވަނީ ޤައުމުގައި އުފެދިފައިވާ އިގްތިސާދީ ހަލަބޮލިކަމާއި އެކަމަނާ ނިސްބަތްވާ ކޮންޒަވޭޓިވް ޕާޓީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުންގަނޑުގެ ސަބަބުން ކަމަށް މަޝްރަހް ދިރާސާ ކުރައްވާ ފަރާތަކުން ވިދާޅުވެއެވެ. ވެރިކަމުގައި އެންމެ 45 ދުވަސް ހޭދަކުރެއްވި ލިޒް ވެފައި މިވަނީ އިނގިރޭސި ވިލާތުގެ ދިގު ތާރީޚުގައިވެސް އެންމެ ކުރުވެރިކަމެއް ކުރެއްވި ބޭފުޅާއަށެވެ.

ބޮޑުވަޒީރު ޓްރަސްގެ އިސްތިއުފާ ދެއްވުމުގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރޝިޕުން އެކަމަނާ އަށް ޕްރެޝަރތަކާ ގުޅިގެން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ބޮޑުވަޒީރު ޓްރަސްއަށްފަހު ދެން އެމަޤާމަށް ވާދަކުރައްވަން ތިއްބެވި ސިޔާސީ ބޭފުޅުންނަށް ބަލައިލަމާ ހިންގަވާށެވެ.

ރިޝީ ސުނާކް

އިނގިރޭސިވިލާތުގެ ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިއަހަރުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ރޭހުގައި ޓްރަސްއާއި އެންމެ ކައިރިން ވާދަކުރެއްވި ރިޝީ ސުނާކް މިހާރު ވެފައި މިވަނީ ގިނަބަޔަކު ދެކޭގޮތުގައި ޓްރަސްގެ ބަދަލުގައި އެމަޤާމަށް ވަޑައިގަންނަވާނެ އެންމެ ފޭވަރިޓެއްގެ ގޮތުގަ އެވެ.

އެންމެ ފަހުން ބޭއްވި ޕްރައިމަރީގެ ފަހު ބުރުގައި ޓްރަސް އަތުން ބަލިވި ނަމަވެސް، ޕާޓީގެ މެމްބަރުންގެ ތެރެއިން އެންމެ މަތީ ޗޮއިސްއަކަށް ހުންނެވި ބޭފުޅަކީ ސުނާކްއެވެ.

ކޯވިޑް-19ގެ އެންމެ ފޯރިގަދަ ހިސާބުގައި އިނގިރޭސިވިލާތުގެ އިގްތިސާދު ކޮޅަށްޖެހުމުގެ ހުރިހާ ތައުރީފަކާއި ޝަރަފު ލިބިފައިވާ އުމުރުން 42 އަހަރުގެ ސުނާކްގެ ސަޕޯޓަރުން ދެކެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ހާލަތު ގޯސްވަމުންދާ ހާލަތުގައި ގައުމު ލީޑް ކުރުމަށް އެންމެ ރަނގަޅު ޗޮއިސްއަކީ އެބޭފުޅާ ކަމުގައެވެ. ނަމަވެސް ބައެއް މީހުން ވަނީ ބޮރިސް ޖޯންސަން ވެރިކަމުން ދުރުކުރުމުގައި ސުނާކުގެ މުހިންމު ދައުރެއް އޮތްކަމަށް ތުހުމަތުކޮށް އަދި އަނބިކަނބަލުންގެ ޓެކްސް ސްޓޭޓަސްއާ ގުޅޭ ގޮތުން މަކަރު ހެއްދެވި ކަމަށް ސުނާކު މައްޗަށް ތުހުމަތު ކޮށްފައެވެ. އަދި ބައިބައި ވެފައިވާ ކޮންޒަވޭޓިވް ޕާޓީ އަލުން އެއްކޮށްލުމުގެ ގާބިލްކަން އެބޭފުޅާގެ ކިބައިގައި ހުރެދާނެކަމާ މެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

އެގޮތުން، ކޮންޒަވޭޓިވް ޕާޓީގެ ބައެއް ބެކްބެންޗަރުން ހުށަހަޅާފައިވަނީ ސިޔާސީ ގޮތުން މިއަށްވުރެ ރަނގަޅު ގޮތަކީ ސުނާކްގެ އެންމެ ބޮޑު ވާދަވެރިޔާ ޕެނީ މޮރޑައުންޓާއެކު ގުޅިގެން މަސައްކަތް ކުރެއްވުން ކަމުގައެވެ.

ޕެނީ މޮރޑައުންޓް

ކޮންޒަވޭޓިވް ޕާޓީގެ ލީޑަޝިޕް ރޭހުގައި ކުރީގެ ޑިފެންސް ސެކްރެޓަރީ ޕެނީ މޮރޑައުންޓް ވަނީ ޓްރަސް އާއި ސުނާކް އާއެކު ރޭހުގެ ތިން ވަނަ ހޯދާފައެވެ.

ޕާޓީގެ ގިނަބައެއްގެ ތާއީދު ލިބޭނެކަމަށް ބެލެވޭ ކެންޑިޑޭޓެއްގެ ގޮތުގައި ދެކޭ މޮރޑައުންޓް ވަނީ ރޭހުގެ ފަހު ބުރާ ހަމައަށް މެމްބަރުންގެ ވޯޓުގައި ސުނާކްއަށް ފަހު ދެވަނައަށް އެންމެ ގިނަ ވޯޓް ހޯއްދަވާފައެވެ. އޭގެ ފަހުން އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ ހައުސް އޮފް ކޮމަންސްގެ ލީޑަރުގެ މަޤާމެވެ.

އުމުރުން 49 އަހަރުގެ ބޮރިސް ޖޯންސަން މަޤާމުން ވަކިވުމާ ގުޅިގެން އުފެދުނު މައްސަލަތަކުގައި ސިޔާސީގޮތުން މާބޮޑު ގެއްލުމެއް ކެރިއަރގައި ނުލިބި ސަލާމަތްވި ހަމައެކަނި ބޭފުޅަކީވެސް ޕެނީ މޮރޑައުންޓް އެވެ.

ބޮރިސް ޖޯންސަން

މީގެ ތިން މަސް ކުރިން މަގާމުން ދުރުކުރި ނަމަވެސް، ޓޯރީ ޕާޓީގެ ބައެއް މެމްބަރުން ވަނީ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަލުން އެމަޤާމަށް ގެނައުމަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ.

ކޮވިޑް-19 ގެ ގަވާއިދު މުގުރާލުމާއި ގުޅިގެން ބަދުނާމުވެފައިވާ ބޮރިސް ޖޯންސަން މިހާތަނާ ޖެހެންދެންވެސް ޕާޓީގެ ޢާއްމު މެމްބަރުން ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ބެން ވޮލެސް

ޓޯރީ ޕާޓީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ އަރައިރުމުގެ ތެރެއިން ، ޑިފެންސް ސެކްރެޓަރީ ބެން ވޮލެސް ވަނީ ޔޫކްރޭނަށް އިނގިރޭސިވިލާތުން ދޭ ތާއީދު ލީޑް ކުރުމުގައި އޭނާގެ ދައުރަށް ގިނަބައެއްގެ އިހުތިރާމް ހޯއްދަވައިގެން ޕާޓީގެ މެމްބަރުންގެ މެދުގައި ރަނގަޅު އިތުބާރެއް އުފައްދާފައެވެ.

ވޮލެސް މިހާރު ހުންނެވި މަގާމުގައި ދެމިހުންނަން ބޭނުންވާ ކަމަށް ދަ ޓައިމްސް ނޫހަށް އަންގާރަ ދުވަހު ވިދާޅުވެފައި ވާއިރު، މިފަހަރު އިންތިޚާބުގައި ކުރިމަތިލައްވާނެ ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އޭނާގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން ދޭ ސަމާލުކަން އިތުރު ނުކޮށްފިނަމަ އެ ވަޒީފާއިން ވަކިވުން އެކަށީގެންވާ ކަމަށް ވެސް އޭނާ އިޝާރާތް ކުރެއްވި އެވެ.

ޖެރެމީ ހަންޓް

ކުވާސީ ކުވާޓެންގްގެ ބަދަލުގައި ގެނައި އިނގިރޭސިވިލާތުގެ އާ ފިނޭންސް މިނިސްޓަރު ޖެރެމީ ހަންޓް ބެލެވެނީ ޓްރަސްގެ އިގްތިސާދީ ޕްލޭން އޯވަހޯލްކޮށް ހަލަބޮލި މާކެޓްތައް ހަމައަކަށް އެޅުވުމަށް ފަހު ސަރުކާރުގެ އެންމެ ބާރުގަދަ ފަރާތުގެ ގޮތުގަ އެވެ.

އުމުރުން 55 އަހަރުގެ ހަންޓް ސްޓޭބަލް އޮޕްޝަނެއްގެ ގޮތުގައި ދެކޭއިރު، މީގެ ކުރިން ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ފޮރިން ސެކްރެޓަރީ، ހެލްތު ސެކްރެޓަރީ އަދި ކަލްޗަރ ސެކްރެޓަރީގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.

އެކަމަކު ހަންޓް ކުރިމަތިނުލާނެ ކަމަށް ހޯމަ ދުވަހު އިޝާރާތް ކުރައްވައި ސްކައި ނިއުސް އަށް ވިދާޅުވީ “އަހަރެން އެކަން ބާތިލް ކުރަން، މިސިސް ހަންޓް އެކަން ނުކުރާނެ، ހަންޓްގެ ތިން ކުދިން އެކަމާ ދެކޮޅު، އޭނާ ހާމަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close