ޔަމަނުގެ އަންޞާރުﷲ (ހޫޘީ) ޖަމާޢަތާ ދެކޮޅަށް ސުޢޫދީ ޢަރަބިއްޔާއިން ކުރަމުންދާ ހަނގުރާމައަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިޞްރުގެ ބަރުލަމާނުން ރައީސް ޢަބްދުލް ފައްތާޙު އަލްސީސީއަށް ހުއްދަ ދިނުމާއެކު، ސަރަޙައްދީ ސިޔާސީ މަޝްރަޙުގައި ވަނީ ބޮޑު ސުވާލެއް އުފެދިފައެވެ. ދެޤައުމުގެ ދެމެދުގައި ރަސްމީ ދިފާޢީ އެއްބަސްވުމެއް ނެތްއިރު، ސުޢޫދީގެ މި އެދުމަށް މިޞްރަށް "ނޫނެކޭ" ނުބުނެވިގެން އުޅެނީ އެޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ނާޒުކު ހާލަތުގެ ސަބަބުންނެވެ. މިޞްރުގެ މާލީ ރައްކާތެރިކަމާއި އިޤްތިޞާދީ ދެމިއޮތުން ސުޢޫދީއާއި ޚަލީޖުގެ އެހީތެރިކަމާ މުޅިންހެން ގުޅިފައިވުމީ، މި ނިންމުން ނިންމަން މިޞްރަށް މަޖުބޫރުވި މައިގަނޑު ސަބަބެވެ.
އެގޮތުން މިޞްރުގެ މަރުކަޒީ ބޭންކުގައި ސުޢޫދީ ޢަރަބިއްޔާގެ 10.3 ބިލިއަން އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާއިރު، ކުވެއިތާއި ޤަޠަރު ސަރުކާރު ހިމެނޭހެން ޚަލީޖުގެ ޤައުމުތަކުން މިޞްރުގައި ޖަމާކޮށްފައިވާ ފައިސާގެ ޢަދަދު 18 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ މިޞްރުގެ ޚާރިޖީ ފައިސާގެ ރިޒާވްގައި ހުރި 57 ބިލިއަން ޑޮލަރުގެ ގާތްގަނޑަކަށް ތިންބައިކުޅައެކެކެވެ. މިޞްރުން ގޮދަން އެތެރެކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސަނީވެސް މައިގަނޑު ގޮތެއްގައި މި ފަންޑުތަކުންނެވެ.
މީގެއިތުރުން މިޞްރަށް ބޭނުންވާ ސާމް އޮއިލް މައިގަނޑު ގޮތެއްގައި އެތެރެކުރަނީ ސުޢޫދީންނެވެ. އަދި އޮކްޓޫބަރު މަހުގެ ކުރީކޮޅު ކައިރޯއާއި ރިޔާޟާ ދެމެދު ވަނީ ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތަކުގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމުގެ ފަހުމުނާއާއެއްގައި ސޮއިކޮށްފައެވެ. އިޤްތިޞާދީ ދަރަނި ބޮޑުވެ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިޞްރުގެ ބޭރުގެ ދަރަނި 166.7 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، އޭގެ ތެރެއިން 7.8 އިންސައްތައާއި 8.3 އިންސައްތައާ ދެމެދުގެ މިންވަރެއް ހިއްސާކުރަނީ ސުޢޫދީއެވެ. މިޞްރުގެ މިއަހަރުގެ ބަޖެޓުގެ 64 އިންސައްތަ ދަރަނި ދެއްކުމަށް ހޭދަވާތީއާއި، އެޤައުމުގެ ފައިސާގެ އަގު ދަށަށް ގޮސްފައިވުމުން ސުޢޫދީގެ އެދުމަށް ނޫނެކޭ ބުނުމަކީ މިޞްރަށް ކުރެވޭނެ ކަމެއް ނޫނެވެ.
އިޤްތިޞާދީ އިތުރު ގުޅުންތަކަށް ބަލާއިރު، 1.25 މިލިއަނާއި 1.47 މިލިއަނާ ދެމެދުގެ އަދަދަކަށް މިޞްރުގެ ރައްޔިތުން ސުޢޫދީގައި ދިރިއުޅެ ވަޒީފާ އަދާކުރެއެވެ. އަދި ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ހިއްސާކުރާ ސުއޭސް ކެނަލުން 2023 ވަނަ އަހަރު މިޞްރަށް 10.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، ރަތްކަނޑުގައި ހޫޘީން ދޭންފެށި ހަމަލާތަކާއެކު 2024 ވަނަ އަހަރު އެ އާމްދަނީ ވަނީ 4 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. މިޞްރުން އުންމީދުކުރަނީ 2026/27 މާލީ އަހަރު އެ އާމްދަނީ 8 ބިލިއަން ޑޮލަރަށް މަތިކުރުމަށެވެ. ނަމަވެސް ސަރަޙައްދީ ހަމަނުޖެހުންތަކުގެ ސަބަބުން މި އަމާޒަށް ވާސިލުވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
މިޞްރުން ސުޢޫދީއަށް އަސްކަރީ އެހީތެރިކަން ދިނުމަށް ނިންމި ނަމަވެސް، މީގެ ކުރިން ޔަމަނަކީ މިޞްރަށް ބޮޑު ނާމާން ވަޅުގަނޑަކަށް ވެފައިވާ ޤައުމެކެވެ. ރައީސް ޖަމާލް ޢަބްދުއްނާޞިރުގެ ވެރިކަމުގައި 1960 ގެ އަހަރުތަކުގައި ޔަމަނުގެ ދާޚިލީ ހަނގުރާމައަށް މިޞްރުން 70،000 އަށްވުރެ ގިނަ ސިފައިން ފޮނުވިއެވެ. އެ ހަނގުރާމައިގެ ސަބަބުން މިޞްރުގެ މާލިއްޔާތު ހުސްވެ، އަސްކަރިއްޔާގެ ބޮޑު ބައެއް ތާށިވިއެވެ. މިއީ 1967 ވަނަ އަހަރު އިސްރާއީލާއެކު ކުރެވުނު ސިކްސް-ޑޭ ވަޯ ނުވަތަ ޗެކް ހަނގުރާމައިގައި މިޞްރު ބަލިވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެވެ.
ރައީސް އަލްސީސީ ވަނީ ޔަމަނުގައި މިޞްރުގެ ސިފައިން ބައިވެރިވެގެން އިސްނަގައިގެން ދޭ ހަމަލާތަކުގައި ބައިވެރިނުވާނެކަން ހާމަކުރައްވާފައެވެ. ނަމަވެސް މި ހަނގުރާމައިގެ ތެރެއަށް މިޞްރު ދަމައިގަތުމުގެ ފުރުޞަތު އެބައޮތެވެ. އަންޞާރުﷲ ޖަމާޢަތުން ވަނީ ސުޢޫދީއަށް މިޞްރުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޔަމަނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ކަމުގައި ބަލާނެކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...