ޕިލިޕީންސަށް އެރި ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ ޢަދަދު 45 އަށް އަރައިފި
ޓްރޮޕިކަލް ސްޓޯމް ނަލްގޭގެ ނަމުން ނަންދީފައިވާ ބާރުގަދަ ތޫފާން ފިލިޕީންސް އަށް އެރުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 45 އަށް އަރައިފި އެވެ.
މި ތޫފާނުގެ ސަބަބުން 45 މީހުން މަރުވެފައިވާކަން ރަސްމީކޮށް ރެކޯޑްކޮށްފައިވާއިރު، އެގައުމުގެ ދެކުނުގެ ހިސާބުތަކަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސް، އެތައްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
ގަޑިއަކު 95 ކިލޯމީޓަރު (59 މޭލު) ބާރުމިނުގައި ވައިގަދަވެ، އަދި ދޭތެރެ ދޭތެރެއިން ގަޑިއަކު 160 ކިލޯމީޓަރު (99.4 މޭލު) އަށް ވައިގަދަވި ޓްރޮޕިކަލް ތޫފާން ހޮނިހިރު ދުވަހުގެ ވަގުތެއްގައި އިރުމަތީ ކެޓަޑޫއަންސް ޕްރޮވިންސަށް ވަނީ އަރާފައެވެ.
މެނިލާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ސިވިލް ޑިފެންސް ޗީފް ރަފައެލިޓޯ އަލެޖެންޑްރޯ ވިދާޅުވީ މިހާތަނަށް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ދެކުނުގެ މިންޑަނާއޯގެ ސަރަހައްދަށް ކަމަށާއި މިހާތަނަށް މަރުވެފައިވާ މީހުންގެ 40 ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
މީގެ ކުރިން ސުލްތާން ކުޑަރަތު އާއި ސައުތު ކޮޓަބަޓޯ އާއި މެދުތެރޭ ފިލިޕީންސްގެ ވިސާޔާސް ސަރަހައްދުގައި ވެސް މަރުވެފައިވާ މީހުންގެ އަދަދު ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު ސިވިލް ޑިފެންސް އޮފީހުން 72 މީހުން މަރުވި ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އަލެޖެންޑްރޯ ވިދާޅުވީ ލޯކަލް “ވެލިޑޭޝަން” އަށް ފަހު ޓޯލް ކުޑަކޮށްފައިވާ ކަމަށެވެ.
އެޖެންސް-ފްރާންސް ޕްރެސްއަށް މައުލޫމާތު ދެއްވަމުން ދެކުނު ސަރަހައްދުގެ ތަރުޖަމާނު އަދި ސިވިލް ޑިފެންސް ޗީފް ނަގޫބް ސިނާރިމްބޯ ވިދާޅުވީ 30 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު 15 މީހަކު ގެއްލިފައިވާ ކަމަށެވެ.
މިތޫފާނުގެ އަސަރު މިހާރު ދަނީ މަޑުވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެޤައުމުގެ މޫސުން ރަނގަޅުވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.


