ބޭރުދުނިޔެ

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވުމުން ހަތް ދުވަހުގެ ގައުމީ ހިތާމަ އިޢުލާންކޮށްފި

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ސަރުކާރުން ހަތް ދުވަހުގެ ގައުމީ ހިތާމަ އިޢުލާންކޮށްފިއެވެ.

ދެ ދައުރު ބޮޑުވަޒީރުކަން ކުރެއްވި ޑރ. ސިންގް އަވަހާރަވީ ބުރާސްފަތި ދުވަހުގެ ރޭ ނިއު ދިއްލީގެ އޯލް އިންޑިޔާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ގައެވެ.
ސަރުކާރުގެ އިސް ވެރިންނާ ހަވާލަދީ ޕީޓީއައި ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި ޑރ. ސިންގްގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދާނީ ފުރިހަމަ އިއްޒަތާއި އިޙްތިރާމާ އެކުގައެވެ. އަދި ހުކުރު ދުވަހަށް ހަމަޖެހިފައިވާ މަރުކަޒީ ސަރުކާރުގެ ހުރިހާ ޕްރޮގްރާމްތަކެއް ވަނީ ކެންސަލްކޮށްފައެވެ. އަދި ޑރ. ސިންގްގެ އަވަހާރަވުމާ ގުޅިގެން ހިތާމަކުރުމަށް ޔޫނިއަން ކެބިނެޓް ބައްދަލުވުމެއް ބާއްވާނެއެވެ.

މީގެ އިތުރުން، ކަރުނާޓަކާ އަދި ތެލަންގާނާ ސްޓޭޓްތަކުންވެސް ވަނީ ހަތް ދުވަހުގެ ގައުމީ ހިތާމަ އިޢުލާންކޮށްފައެވެ. ކަރުނާޓަކާއިން ވަނީ ޑިސެމްބަރ 27 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި އިޢުލާންކޮށްފައެވެ. އަދި ތެލަންގާނާއިން ވަނީ ހުކުރު ދުވަހު ސަރުކާރު އޮފީސްތަކާއި ތަޢުލީމީ މުއައްސަސާތަކަށް ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާންކޮށްފައެވެ.

ދިއްލީގެ އުއްތަމަ ވަޒީރު އަތީޝީވެސް ވަނީ އޭނާގެ ހުރިހާ ސަރުކާރު ޕްރޮގްރާމްތަކެއް ކެންސަލްކޮށްފައެވެ. އަދި ކަރުނާޓަކާގެ ބެލްގާވީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ވަރކިންގ ކޮމިޓީ (ސީޑަބްލިއުސީ) ބައްދަލުވުމަށް ކުރެވިފައިވާ އެންމެހާ ތައްޔާރީތައް ވަނީ ހުއްޓާލާފައެވެ. ޑިސެމްބަރ 27 ވަނަ ދުވަހު ބޭއްވުމަށް ރޭވިފައިވާ ކޮންގްރެސްގެ ޢާންމު ޖަލްސާވެސް ވަނީ މި ހިތާމަވެރި ޚަބަރާ ގުޅިގެން ކެންސަލްކޮށްފައެވެ.
ޑރ. މަންމޯހަން ސިންގްއަކީ އިންޑިޔާގެ 13 ވަނަ ބޮޑުވަޒީރެވެ. އޭނާ މި މަޤާމުގައި ހުންނެވީ 2004 އިން 2014 އަށެވެ.

އިޤްތިޞާދީ މާހިރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޑރ. ސިންގްއަކީ އިންޑިޔާގެ އިޤްތިޞާދީ އިޞްލާޙުތަކުގެ ބައްޕަ ކަމުގައި ބެލެވެއެވެ. 1991 ގައި އޭނާ މާލީ ވަޒީރުކަން ކުރެއްވި ދުވަސްވަރު އިންޑިޔާގެ އިޤްތިޞާދު ލިބަރަލައިޒް ކުރުމަށް އެޅުއްވި ފިޔަވަޅުތަކަކީ އެ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިން މުހިންމު ބިންގަލެކެވެ.

ޑރ. ސިންގްގެ ވެރިކަމުގައި އިންޑިޔާގެ އިޤްތިޞާދު އެވްރެޖްކޮށް އަހަރަކު 7.5 އިންސައްތައިން ކުރިއަރާފައިވެއެވެ. އޭނާގެ ޢިލްމީ އަދި ސިޔާސީ ޚިދުމަތްތަކަށްޓަކައި ގިނަ ޤައުމީ އަދި ބައިނަލްއަޤްވާމީ އިނާމުތަކާއި މެޑެލްތައް ލިބިވަޑައިގެންފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close