ލޭބަރ ޕާޓީން އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި

އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު ތަފާތަކުން ކާމިޔާބު ހޯދައިފިއެވެ. މި ކާމިޔާބާއެކު ކީރ ސްޓާމަރ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ވެގެންދާނެއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާންކުރުމާއެކު ކީރ ސްޓާމަރ ވަނީ “ބަދަލު މިހާރު ފެށިއްޖެ” ކަމަށް ބުނެފައެވެ. އަދި މިހާރުގެ ބޮޑުވަޒީރު ރިޝި ސުނަކް ވަނީ އިނގިރޭސިވިލާތުން “ފުންކޮށް ވިސްނަންޖެހޭ ނިންމުމެއް” ނިންމައިފި ކަމަށް ބުނެފައެވެ.
ޕާލިމެންޓުގެ 650 ގޮނޑީގެ ތެރެއިން 400 އަށްވުރެ ގިނަ ގޮނޑި ލޭބަރ ޕާޓީން ކާމިޔާބުކޮށްފައިވާއިރު، ކޮންސަވޭޓިވް ޕާޓީއަށް ލިބިފައިވަނީ 108 ގޮނޑިއެވެ. ލިބަރަލް ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ ގިނަ ގޮނޑިތަކެއް ހޯދާފައެވެ.
މި އިންތިޚާބުގައި ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސް އާއި ދިފާއީ ވަޒީރު ގްރާންޓް ޝެޕްސް އަދި ޖޭކަބް ރީސް-މޯގް އާއި ޕެނީ މޯޑޯންޓް ފަދަ ކޮންސަވޭޓިވް ޕާޓީގެ އިސް ލީޑަރުން ވަނީ ބަލިވެފައެވެ.
ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖެލް ފަރާޖް ވަނީ ފުރަތަމަ ފަހަރަށް އެމްޕީއަކަށް ވެފައެވެ. އަދި އެ ޕާޓީއަށް ވަނީ ޖުމުލަ ހަތަރު ގޮނޑި ލިބިފައެވެ.
ކުރީގެ ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކާމިޔާބު ހޯދާފައެވެ. އަދި ގްރީން ޕާޓީގެ ކާލާ ޑެނިއަރ ވަނީ ބްރިސްޓޯލް ސެންޓްރަލް ދާއިރާ ކާމިޔާބުކޮށްފައެވެ.


