ބޭރުދުނިޔެ ވަޅިން ހަމަލާދިން މީހެއްގެ ކިބައިން ދަރިވަރުންތަކެއް ސަލާމަތްކުރި މުސްލިމް މުދައްރިސަކަށް ގިނަބައެއްގެ ތައުރީފު

ވަޅިން ހަމަލާދިން މީހެއްގެ ކިބައިން ދަރިވަރުންތަކެއް ސަލާމަތްކުރި މުސްލިމް މުދައްރިސަކަށް ގިނަބައެއްގެ ތައުރީފު

ވަޅިން ހަމަލާދިން މީހެއްގެ ކިބައިން ދަރިވަރުންތަކެއް ސަލާމަތްކުރި މުސްލިމް މުދައްރިސަކަށް ގިނަބައެއްގެ ތައުރީފު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިނގިރޭސިވިލާތުގެ ސްކޫލެއްގައި ވަޅިން ހަމަލާދިން މީހެއްގެ ކިބައިން ދަރިވަރުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޒަޚަމްވި މުސްލިމް މުދައްރިސަކީ އުމުރުން 27 އަހަރުގެ މައިސަމް އަބްދުﷲ ކަން ހާމަވެއްޖެއެވެ.

ޕާކިސްތާނަށް ނިސްބަތްވާ މި މުދައްރިސަކީ ބަތަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދަނީ، މި ހަފުތާގައި މެންޗެސްޓާގެ ކޯ-އޮޕް އެކަޑަމީގައި ހިނގި ނުރައްކާތެރި ހާދިސާ ހުއްޓުވުމަށް އޭނާ ކުރި ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން ކަމަށް “ދަ އިންޑިޕެންޑެންޓް” ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެ ކުއްޖާ މިއަދު ލަންޑަންގެ ވެސްޓްމިންސްޓަރ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަމަލާގައި މުދައްރިސް މައިސަމްގެ އިތުރުން 14 އަހަރުގެ ދެ ދަރިވަރަކަށްވެސް އަނިޔާވިއެވެ. ނަމަވެސް އެ ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. މައިސަމް “މެންޗެސްޓާ އީވްނިންގ ނިއުސް” އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އޭނާ މިހާރު ގޭގައި އަރާމުކުރަމުންދާ ކަމަށާއި، ހިނގައިދިޔަ ބިރުވެރި ހާދިސާއިން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާގެ އަނބިމީހާ ސައިމާ “ޓިކްޓޮކް” މެދުވެރިކޮށް ބުނެފައިވަނީ، ކްލާސްރޫމް ތެރޭގައި ދަރިވަރުންނަށް ދިން ހަމަލާއަކުން އެކުދިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފިރިމީހާއަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޚަބަރު ލިބުމުން ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމަށެވެ. އަދި އޭނާގެ ޒަޚަމްތައް ފުރާނައަށް ނުރައްކާވާ ވަރުގެ ނޫން ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށާއި، ކަރުގެ ނާރުތަކަށާއި އަތަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ސައިމާ އިތުރަށް ބުނިގޮތުގައި، އޭނާގެ ފިރިމީހާ ކިޔަވައިދިނުމުގެ ދާއިރާއާ ގުޅުނީ ޒުވާނުންގެ މުސްތަޤުބަލަށް ހެޔޮ ބަދަލެއް ގެނައުމުގެ މަގުސަދގައެވެ. އަދި ދަރިވަރުންގެ ސަލާމަތަށްޓަކައި އޭނާ ދެއްކި ހިތްވަރަކީ ހަގީގީ ބަތަލެއްގެ ސިފައެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި މައްސަލަ ކައުންޓަރ ޓެރަރިޒަމް ފުލުހުން ތަހުގީގު ކުރަމުންދިޔަ ނަމަވެސް، މިއީ ޓެރަރިޒަމާ ގުޅުންހުރި ހަމަލާއެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. ހަމަލާދިން ކުއްޖާ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނުގެ ދަށުން ބަލާފައިވާއިރު، އޭނާގެ މައްޗަށް ސްކޫލްގެ ތެރޭގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދެ ދައުވާއެއްވެސް ވަނީ އުފުލާފައެވެ.

ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގ ނޯތު ވެސްޓްގެ ވެރިޔާ ޖޮނަތަން ޗެޑްވިކް ވިދާޅުވި ގޮތުގައި، މިއީ ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް އުފުލާފައިވާ ވަރަށް ސީރިއަސް ދައުވާތަކެކެވެ. އަދި މި ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެގް

ޔޫކޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.