އިންޑިއާގައި މައިނެއް ގޮވައި 18 މީހުން މަރުވެއްޖެ

އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މެގަލާޔާގައި ހުއްދަ ނެތި ހަދާފައިވާ މައިނެއް ގޮވައި، މަދުވެގެން 18 މީހުން މަރުވެއްޖެއެވެ. އިއްޔެ ހެނދުނު ހިނގި މި ހާދިސާގައި މައިނު ތެރޭގައި އިތުރު ބަޔަކު ތާށިވެފައިވާ ކަމުގެ ބިރު އޮތް ކަމަށްވެސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ސާމާނު ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާ ގަޑިން އިއްޔެ ހެނދުނު 10 ޖަހާ އެހާކަންހާއިރު މެގަލާޔާގެ ފަރުބަދަމަތީ ސަރަހައްދެއްގައި ހުންނަ “ރެޓް ހޯލް” މައިންގައެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ ޑެޕިއުޓީ ކޮމިޝަނަރު މަނީޝް ކުމާރު ވިދާޅުވީ، މައިންގެ ޓަނަލްތަކަކީ މަސައްކަތްތެރިންނަށް ކިރިޔާ ވަދެވޭ ގޮތަށް ހުންނަ ކުޑަ ޓަނަލްތަކަކަށް ވާތީ މި މައިނަށް “ރެޓް ހޯލް” ގެ ނަން ދީފައިވާ ކަމަށެވެ.
ފުލުހުން ވަގުތުން ހާދިސާ ހިނގި ސަރަހައްދަށް ގޮސް ސަލާމަތީ އޮޕަރޭޝަންތައް ފެށި ނަމަވެސް، މައިނުތެރޭގައި ތާށިވެފައިވާ މީހުންނާ ގުޅުމަށް ކުރާ މަސައްކަތްވަނީ ހުއްޓިފައެވެ. އެއީ އެކަމަށް ބޭނުންވާ ޒަމާނީ ސާމާނު ނެތުމުގެ ސަބަބުންނެވެ. މި ހާދިސާގައި 18 މީހުން މަރުވެފައިވާއިރު، އިތުރު އަށް މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުން ހާމަކުރެއެވެ.
އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކުގައި ކުރިން ވަރަށް ގިނައިން “ރެޓް ހޯލް” މައިން ބޭނުންކުރިއެވެ. ނަމަވެސް، ގިނަ އަދަދެއްގެ މީހުން މަރުވުމާއި ތިމާވެއްޓަށް ލިބޭ ބޮޑެތި ގެއްލުންތަކުގެ ސަބަބުން، 2014 ވަނަ އަހަރު މިފަދަ މައިންތައް ހިންގުން ވަނީ މަނާކުރެވިފައެވެ. މިއީ ސަރުކާރުގެ ހުއްދަ ނެތި އަދި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނެތި ހިންގާ ނުރައްކާތެރި މައިންތަކެކެވެ.
މީގެ ކުރިން 2018 ވަނަ އަހަރުވެސް މެގަލާޔާ ސްޓޭޓްގެ އެފަދަ މައިނެއް ގޮވައި 15 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ އިރުމަތީ އަދި އިރުއުތުރު ސަރަހައްދުތަކުގައި ގަވާއިދާ ހިލާފު މައިން ހެދުން އާންމުވެފައިވާއިރު، އެ ތަންތަނުގައި މަސައްކަތް ކުރުމުން މަސައްކަތްތެރިންނަށް ދުވާލަކަށް ލިބެނީ އެވްރެޖްކޮށް 18 ޑޮލަރާއި 24 ޑޮލަރާ ދެމެދުގެ އާމްދަނީއެކެވެ. މިއީ ނުރައްކާތެރި މަސައްކަތެއްގައި ހިމެނޭ މިންވަރަށް ވުރެ ދަށް އާމްދަނީއެކެވެ.




