ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުގެ އެއްބަސްވުންތަކާއި ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގައި މުހިންމު 8 ކަމަކަށް ރިޢާޔަތްކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
ސަލަފުން މިކަމަށް އިލްތިމާސްކުރީ އެ މަޝްރޫޢާ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަކަށް ފަހު ނެރުނު ބަޔާނެއްގައެވެ.
އެ ޖަމްޢިއްޔާއިން ހޯދި މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢަކީ ދައުލަތުގެ މިލްކުވެރިކަން އޮންނަ ގޮތަށް ރަސްމާލޭގެ 500 ހެކްޓަރުގެ ބިން، ރިއަލް އެސްޓޭޓް އުޞޫލުން ތަރައްޤީކުރުމަށް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސްއަށް ދިނުމަށް ރޭވިފައިވާ މަޝްރޫޢެކެވެ. ސަލަފުން ބުނީ މި މަޝްރޫޢުގެ ފުރިހަމަ ތަޞައްވުރު އެނގިގެންދާނީ އެއްބަސްވުން އެކުލަވާލައި ކަމާގުޅޭ ޤާނޫނު ވުޖޫދުވުމުން ކަމަށެވެ.
ސަލަފުން ހުށަހެޅި 8 ކަމުގެ ތެރޭގައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ މިނިވަންކަން ރައްކާތެރިކުރުމާއި، އާބާދީގެ އޮނިގަނޑަށް އަތުވެދާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދެނެގަތުން ހިމެނެއެވެ. އަދި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބޭނެ އިޤްތިޞާދީ އަމާޒެއް ކަނޑައެޅުމާއި، ދެފުށް ފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ޤާއިމުކުރުމުގެ އިތުރުން ދާއިމީކޮށް މޮނިޓަރކުރާނެ ނިޒާމެއް ޤާއިމުކުރުމަށްވެސް ވަނީ އެދިފައެވެ.
މީގެއިތުރުން، ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގަނެ އަނިޔާވެރިވަމުންދާ އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް މި މަޝްރޫޢުން ފުރުޞަތު ނުދިނުމަށް ޚާއްޞަ އިލްތިމާސެއް ވަނީ ކޮށްފައެވެ. ރަސްމާލެ މަޝްރޫޢާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ޖަވާބުދެއްވާފައިވާއިރު، ސަލަފުން ބާރުއަޅަނީ ރައްޔިތުންގެ މަޝްވަރާއާއެކު އިސްލާމީ އަދި ޤައުމީ މަޞްލަޙަތު އެންމެ އިސްކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...