ޚަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަނީ


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ (ހޯމަ ދުވަހު) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށައަޅުއްވާނެ ކަމަށާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ބަޔާން ދެއްވާނެ ކަމަށެވެ.

ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން, އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅުއްވަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 211 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވެއެވެ.

އަންނަ އަހަރަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ، ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

އެހެންނަމަވެސް، ޕޮލިސީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުން ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާ އެއްގޮތަށް ހުށަހެޅުން ކަމުގައި ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަމާޒަކީ ހަމަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިފެހެއްޓުންކަމަށާއި، އެއީ ފިސްކަލް ސްޓްރެޓެޖީކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، 2023ން 2025ށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީންކުރުން ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިން އަންދާޒާކުރެވުނު މިންވަރަށްވުރެން އަންނަނީ ރަނގަޅުވަމުން ކަމަށާއި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ހާލަތެ ނެތްކަމުގައި ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close