ސައުތުކޮރެއާގައި ނަސޯރާއިން ފާހަގަކުރި ދީނީ އީދެއްގައި 149 މީހުން މަރުވެ، އެތައްބަޔަކު ޒަހަމްވެއްޖެ
ސައުތުކޮރެއާގެ ވެރިރަށް ސޯލްގައި ނަސޯރާދީނުގެ ބަޔަކު ފާހަގަކުރި ދީނީ ޢީދެއްކަމުގައިވާ “ހެލޯވީން” އެއްގައި ފިތިގެން 149 މީހުން މަރުވެ އިތުރު 150 މީހުން ޒަހަމްވެފައިވާ ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފި އެވެ. ހެލޯވީން އަކީ ހުޅަނގުގެ ނަޞާރާއިންގެ ޢީދު ކަމަށްވާ އޮލް ހެލޯސް ޑޭގެ ކުރިން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގިނަ ޤައުމުތަކުގައި ފާހަގަކުރާ އުފާފާޅުކުރުމެކެވެ.
ސޯލްގެ ޔޮންގްސަން ފަޔާ ޑިޕާޓްމަންޓުގެ ވެރިޔާ ޗޮއި ސެއޮންގް-ބެއޯމް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އިޓައެވޮންގެ ޗުއްޓީ ޑިސްޓްރިކްޓްގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާއި ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.
އޭނާ ވިދާޅުވީ މަރުވި މީހުންގެ ތެރެއިން 74 މީހަކު ހޮސްޕިޓަލްތަކަށް ފޮނުވާފައިވާ އިރު މަރުވި 46 މީހެއްގެ ހަށިގަނޑު އެއީ ކޮންބައެއްކަން ދެނެގަތުށްޓަކައި ކައިރީގައި ހުރި ޖިމަކަށް ގެންދިޔަކަމަށެވެ.
އޮފިޝަލުން ބުނާ ގޮތުގައި މިހާދިސާ ހިނގީ ސޯލްގެ ބޮޑު ޕާޓީ ސްޕޮޓެއް ކަމަށްވާ ހެމިލްޓަން ހޮޓެލް ކައިރީގައި އޮންނަ ހަނި ގޯޅިއެއްގައި ގިނަ ބަޔަކު އެއްފަހަރާ ދިއުމުގެ ސަބަބުން ތޮއްޖެހިގެންނެވެ.
ސޯލްގައި ތިބި ސަރުކާރުގެ މުވައްޒަފުން ހިމެނޭ ގޮތަށް ގައުމުގެ އެކި ކަންކޮޅުތަކުން 800 އަށް ވުރެ ގިނަ އެމަޖެންސީ މަސައްކަތްތެރިންނާއި ފުލުހުން ވަނީ އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އަމަލީ ގޮތުން ބައިވެރިވެފަ އެވެ.
ނޭޝަނަލް ފަޔާ އެޖެންސީން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމަޖެންސީގައި ފަރުވާދެމުންދާ މީހުންގެ ސީދާ އަދަދު ދެނެގަތުމަށް އަދިވެސް އޮފިޝަލުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓީވީ ފޫޓޭޖްތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެމްބިއުލާންސް ވެހިކަލްތައް މަގުތަކުގައި ލައިންކޮށްފައި ހުރިއިރު އެމަޖެންސީގައި މަސައްކަތްކުރާ މީހުން ޒަހަމްވި މީހުން ސްޓްރެޗާތަކުގައި ހަރަކާތްތެރިވަމުން ދިޔަ އެވެ. އަދި އެމަޖެންސީގައި މަސައްކަތްކުރާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުން މަގުމައްޗަށް ވެއްޓިފައި ތިބި މީހުންގެ ސީޕީއާރު ހަދަމުން ދިޔަތަންވެސް ފެނިފައިވެއެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ނެރުއްވި ބަޔާނެއްގައި ވަނީ އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށާއި އީދު ބާއްވާ ތަންތަނުގެ ރައްކާތެރިކަން މުރާޖައާ ކުރުމަށް އޮފިޝަލުންނަށް ގޮވާލާފަ އެވެ. އަދި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ޑިޒާސްޓާ މެޑިކަލް އެސިސްޓެންސް ޓީމުތައް ތައްޔާރު ކުރުމަށް ހެލްތު މިނިސްޓްރީއަށް އަންގަވާފައިވެއެވެ.


