ދިވެހިރާއްޖޭގެ މާލީ ތާރީޚުގައި ވެސް އެންމެ ބޮޑު އަދަދަކުން ދަރަނި އަދާކުރި އަހަރަކަށް މި އަހަރު ވެގެންދާނެ ކަމަށާއި، އަހަރު ނިމޭއިރު ދަރަނި ދެއްކުމަށް ޖުމްލަ 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، މި ހިނގާ 2026 ވަނަ އަހަރުގެ މިހާތަނަށް އެކަނިވެސް ދަރަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ މި ދަރަނިތައް މި ސަރުކާރުން އަދާކުރީ އެއްވެސް އައު ދަރަންޏަކާ ނުލައި، ދުރާލައި ވި ފުރިހަމަ ތައްޔާރީތަކާއެކު ކަމަށް ވެސް ޒަރީރު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައި ސަރުކާރުން އަދާކުރި މުހިންމު ބޮޑެތި ދަރަނިތަކުގެ ތެރޭގައި އެޕްރީލް މަހު ދެއްކި 524 މިލިއަން ޑޮލަރުގެ ސުކޫކާއި، އިންޑިއާއަށް ދެއްކި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާ ހިމެނެއެވެ. މީގެއިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރު ވެސް ވަނީ ދައްކައި ނިންމާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ދަރަނިތައް ދައްކައި ނިމުމަކަށް ގެނައުމަކީ އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2027 ވަނަ އަހަރު ދަރަނި ދައްކަން ހޭދަވާނެ ކަމަށް ލަފާކުރެވެނީ 4.5 ބިލިއަން ރުފިޔާއެވެ.
މީގެއިތުރުން، ދަރަނި އަދާކުރުމުގައި ސަރުކާރުން ދެއްކި ހަރުދަނާކަމުގެ ސަބަބުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ފުރިހަމަ އިތުބާރު ރާއްޖެއަށް ލިބި، ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާކަން ވެސް މާލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...