ހޯމް-ސްކޫލިންގގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުއޮޅި، އެ ކުދިންގެ ޙަޔާތް ބަރުބާދުވުމަށް ފުރުޞަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޚާއްޞަ ޙާލަތްތަކުގައި ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަޢުލީމުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙާ ގުޅިގެންނެވެ.
މީސްމީޑިއާ މަންސަ "އެކްސް" ގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ހޯމް-ސްކޫލިންގއަށް އެއްވެސް ޖާގައެއް ނުދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު ވެސް ރާއްޖޭގައި 4,000 އަށްވުރެ ގިނަ ދަރިވަރުން ޤަވާޢިދުން ސްކޫލަށް ޙާޟިރުނުވެ އެބަތިއްބެވެ. އެހެންކަމުން މިފަދަ ނިޒާމެއްގެ ސަބަބުން ކުދިން ތަޢުލީމީ މާޙައުލާ ދުރުވެ، ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިޞްލާޙު ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. މި ބިލުގައި ބަޔާންކޮށްފައިވަނީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ސްކޫލަށް ނުދެވޭ ކުދިންނަށް ޚާއްޞަ އެސެސްމަންޓަކަށް ފަހު ގޭގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ދިނުމަށެވެ. އަދި މިފަދަ ކުދިން ސްކޫލެއްގައި ރަޖިސްޓަރީވެފައި ތިބުމާއެކު، އުނގަންނައިދިނުމުގެ މާލީ ޤާބިލުކަން ބެލެނިވެރިންގެ ކިބައިގައި ހުންނަންޖެހޭނެ ކަމަށް ވެސް ބިލުގައިވެއެވެ.
ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނު ބަޔާންކުރާ ގޮތުން ކޮންމެ ކުއްޖަކަށް ވެސް އަސާސީ ތަޢުލީމު ފޯރުކޮށްދިނުމަކީ ދައުލަތާއި ބެލެނިވެރިންގެ މައްޗަށް ލާޒިމު ކަމެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުފޮނުވާ އަދި ދީނީ ހައްދުފަހަނައެޅުމުގެ ވިސްނުމުގައި ބައެއް ބެލެނިވެރިން ކުދިން މަދަރުސާއަށް ނުފޮނުވާ މައްސަލައަކީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގައި ބޮޑު ބަޙުޘަކަށް ވެފައިވާ ކަމެކެވެ. މީގެއިތުރުން، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ޚާއްޞަ އެހީއަށް ބޭނުންވާ ބައެއް ކުދިންނަށް ޢާންމު ސްކޫލުތަކުން ތަޢުލީމު ޙާޞިލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ އަދިވެސް ކުރިމަތިލާންޖެހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...