މީޑިއާތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އިތުރުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.
ރީ-ރަޖިސްޓްރީ ކުރުމަށް ކުރިން ދީފައިވާ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާތީ، އެމްއެމްބީސީން ވަނީ އިތުރު ތިން މަސްދުވަހުގެ މުއްދަތެއް ދޭން ނިންމާފައެވެ. އެއާއެކު، ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމުގެ އައު ސުންގަޑިއަކީ 28 ޖަނަވަރީ 2027 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުގެ ފަހުން ރީ-ރަޖިސްޓްރީ ނުކުރާ ތަންތަނުގެ ރަޖިސްޓްރީ އައު ގަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށްވެސް އެމްއެމްބީސީން ބުނެއެވެ.
ނޫސް މަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެމްއެމްބީސީއާ ހަވާލުވީ، އެ ކޮމިޝަނުގެ ގާނޫނު ވުޖޫދުވުމާ ގުޅިގެންނެވެ. އޭގެ ކުރިން އެ މަސައްކަތް ކުރަމުން އައީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަމަށްވާއިރު، އެމްއެމްބީސީން މިހާރު ވަނީ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި ހިންގުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ އައު ގަވާއިދެއް އެކުލަވާލައި އާންމުކޮށްފައެވެ.
އައު ގަވާއިދުގެ ދަށުން ނޫސް މަޖައްލާތައް ހަތަރު ގިންތިއަކަށް ބަހާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލްއެވެ. މި ބާވަތްތައް ޕްރިންޓްކޮށްގެންނާއި، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ހިންގުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ހުރިހާ ތަނެއް އަލުން ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރަންޖެހޭނެއެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވެސް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ. ނަމަވެސް ވަކި އިދާރާއެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ މުވައްޒަފުންނަށް ޚާއްސަކޮށްގެން ނެރޭ ކުދި މަޖައްލާތައް މި ގަވާއިދުން އިސްތިސްނާވާނެއެވެ.
މި ގަވާއިދުގެ ދަށުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އައުކުރަން ހުށަހަޅަންޖެހޭއިރު، ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...