ފަލަސްތީނުގެ ފެކްޝަންތަކާ ވާހަކަދައްކަން ތައްޔާރު: ހަމާސް

ފަލަސްތީނުގެ ހުރިހާ ފެކްޝަންތަކާ އެކު ގައުމީ ވާހަކަ ދެއްކުމަށް ހަމާސް ތައްޔާރުކަމަށް ބުނެފިއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހަމާސް އިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އެ ޖަމާއަތުން މިހާރު ދަނީ ފަލަސްތީނުގެ ހުރިހާ ފެކްޝަންތަކާ އެކު ގައުމީ ވާހަކަ ދެއްކުމަށް ތައްޔާރުވަމުން ކަމަށެވެ.
މިކަން ހާމަކުރީ، މިސްރުގެ މެދުވެރިވުމާއެކު ހަމާސް އާއި ފަތަހް ޖަމާއަތުގެ ވަފުދުތައް ގާހިރާގައި ބައްދަލުކުރަމުން ދަނިކޮށެވެ. މި ބައްދަލުވުމުގެ މަގުސަދަކީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ އާއި، ޣައްޒާގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކުރުމެވެ.
އަނަދޯލޫ ނޫސްއެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ހަމާސްގެ ތަރުޖަމާން ހާޒިމް ގާސިމް ވިދާޅުވީ، އެ ޖަމާއަތުން ދަނީ “ފަލަސްތީނުގެ އޮތޯރިޓީ އާއި އެހެނިހެން ގައުމީ ބާރުތަކަށް ހުޅުވާލެވިފައިވާ ހިތަކާއި ދިއްކޮށްލެވިފައިވާ އަތަކާއެކު ގައުމީ ވާހަކަ ދެއްކުމަށް” ކުރިއަށް ކަމަށެވެ. އަދި އޭނާ ވަނީ ފަލަސްތީނުގެ އޮތޯރިޓީ އަކީ “އެއްވެސް ހާލަތެއްގައި ދޫކޮށްލެވޭނެ ތަނެއް ނޫން” ކަމަށް ވެސް ފާހަގަކުރައްވާފައެވެ.
ގާސިމް އިލްތިމާސް ކުރެއްވީ، އޮތޯރިޓީން “ޣައްޒާގައި އޮތް ގައުމީ އިއްތިފާގަށް އެއްބަސްވެ، ހުޅުވާލެވިފައިވާ ހިތަކާއެކު ވާހަކަ ދެއްކުމަށް އައުމަށެވެ.” އަދި “މިއީ ގައުމީ އެއްބައިވަންތަކަމާއި، ހަނި ޖަމާއަތުގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތަށް އިސްކަންދޭންވީ ވަގުތު” ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިންޒާރު ދެއްވީ، މިހާރުގެ ފަލަސްތީނުގެ ހާލަތު ނުރައްކާވަނީ ހަމައެކަނި ހަމާސް އަށް އެކަނި ނޫންކަމަށާއި، މުޅި ޣައްޒާ އާއި ހުޅަނގު އައްސޭރީގައިވާ މުޅި ފަލަސްތީނު ރައްޔިތުންނަށް ވެސް ނުރައްކާތެރި ދުވަސްވަރެއް ކަމަށެވެ.
ހަމާސްގެ ތަރުޖަމާން ވަނީ ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން “އެންމެހާ ތަފްސީލުތަކާއެކު” ތަންފީޒުކުރުމަށް އެ ޖަމާއަތުން ފުރިހަމައަށް ތައްޔާރުކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއްބަސްވުމަށް އިސްރާއީލުން ތަބާވުމަށް މަޖުބޫރުކުރުމަށް މެދުވެރިންނަށް ގާސިމް ވަނީ ގޮވާލައްވާފައެވެ.
ގާސިމް ވިދާޅުވީ، ހަމާސް އަށް ތުރުކީ، މިސްރު، އަދި ގަތަރުގެ އިތުރުން އެމެރިކާގެ ފަރާތުން ވެސް ކަށަވަރުކަން ލިބިފައިވަނީ، “ހަނގުރާމަ ވަނީ ހަމަޖެހިފައި” ކަމަށާއި، އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުމަކީ “ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން” ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހަމާސް އިން ވަނީ ދިރިތިބި އަސީރުންނާއި ބައެއް މަރުވެފައިވާ މީހުންގެ ހަށިގަނޑު ހަވާލުކޮށް، އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިންމާލާފައި ކަމަށާއި، ދެން ބާކީ ތިބި މީހުން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދެވަނަ މަރުހަލާ އާ ބެހޭގޮތުން ގާސިމް ވިދާޅުވީ، “މި މަރުހަލާ އަށް އިތުރު މަޝްވަރާތަކާއި ތަފްސީލުތަކެއް މެދުވެރިންނާއެކު ބޭނުންވާ” ކަމަށާއި، “މި މަރުހަލާގައި ހިމެނެނީ ފުޅާ ދާއިރާއެއްގެ މައްސަލަތަކާއި، ތަފްސީލީ ގޮތްތަކެއް ބޭނުންވާ ކޮމްޕްލެކްސް ކަންތައްތަކެއް” ކަމަށެވެ.
އޭނާ ވިދާޅުވީ، ހަމާސްގެ މައިގަނޑު މަގުސަދަކީ “ޣައްޒާގައިވާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުން” ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމަށްފަހު ވެސް އިސްރާއީލުން ފަލަސްތީނުގެ 90 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި، “އަދިވެސް ރަފާހް ބޯޑަރު ބަންދުކޮށް، އެކަށީގެންވާ އެހީ ޣައްޒާއަށް ވަނުމަށް ހުރަސް އަޅަމުންދާ” ކަމަށެވެ.
އޭނާ އިސްރާއީލަށް ތުހުމަތުކުރެއްވީ، “އިންސާނީ ހާލަތު ސިޔާސީ ބާގޭނިންގ ޗިޕެއްގެ ގޮތުގައި” ބޭނުންކުރާ ކަމަށާއި، މިއީ “ޣައްޒާގެ ހިސޯރުގެ ދަށުން އިސްރާއީލުން އަހަރުތަކެއް ވަންދެން ކުރަމުން އައި ކަމެއް” ކަމަށެވެ. އަދި ޣައްޒާ އަށް އެހީތެރިކަން ފޯރުކޮށްދީ، އަލުން ބަނޑުހައިހޫނުކަން އައުމުގެ ކުރިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށްޓަކައި ޓްރަމްޕްގެ 20 ނުކުތާގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ އަށް އޮކްޓޯބަރު 10 ގައި ވަނީ އެއްބަސްވެފައެވެ.
ފުރަތަމަ މަރުހަލާގައި ހިމެނެނީ އިސްރާއީލުގެ އަސީރުން ދޫކޮށްލުމުގެ ބަދަލުގައި ފަލަސްތީނުގެ ގައިދީން ދޫކޮށްލުމެވެ. މި ޕްލޭނުގައި ޣައްޒާ އަލުން ބިނާކުރުމާއި، ހަމާސް ނުހިމެނޭ ގޮތަށް އާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 68،200 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 170،300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.



