ދީން

މީހުން ބަދުނާމު ކުރުމުގެ ނިޔަތުގައި، ދައްކާ ވާހަކަތަކަކީ މީހާ ނަރަކައަށް ވަނުމަށް ފުދި އިތުރުވާނެ އަމަލެއް: ޚުޠުބާ

ހެއްކެއް ގަރީނާއެއް ނެތި، ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމާއި، ދައްކާ ވާހަކަތަކަކީ މީހާ ނަރަކަވަންތަވެރިއަކަށް ވުމަށް ފުދި އިތުރުވާނެ އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
“މުއާމަލާތް ކުރުމުގެ އަހްލާގު” މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނި ގޮތުގައި މުޅި އިސްލާމްދީން ބިނާވެފައިވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށެވެ. މުސްލިމުންނަކީ މުއާމަލާތް ކުރާއިރު ވިސްނުންތެރިކަމާއި އިސްނާފުވެރިކަމާއެކު މުއާމަލާތް ކުރާ މީހެއް ކަމަށެވެ.
ހުތުބާގައި ބުނި ގޮތުގައި އަޅުކަންތައް އަދާކުރުމުގެ އިތުރުން ދޭދޭ އަފްރާދުންގެ މެދުގައި ކުރެވޭ މުއާމަލާތް ރަނގަޅު ނުކޮށް އާހިރަތް ބާޖެވެރި ނުވާނެ އެވެ.
“މުސްލިމުންނަކީ ހިތްތިރި، މުއާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެކެވެ. އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެކެވެ. މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެކެވެ. މި ސިފަތަކުގެ ވެރި މުއުމިނުންނަސް މާތްﷲ ނަރަކަ ހަރާމް ކުރެއްވި،” ހުތުބާގައި ބުނެފައިވެ އެވެ.
ދޭދޭ ފަރުދުންގެ މެދުގައި ސީދާކޮށް ކުރެވޭ މުއާމަލާތުގެ އިތުރުން ނުސީދާކޮށް ކުރެވޭ މުއާމަލާތަކީވެސް އިސްލާމީ މިންގަނޑަށް ފެތޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.
“ހެއްކެއް ގަރީނާއެއް ނެތި، ބަޔަކު ބަދުނާމު ކުރުމުގެ ނުބައި ނިޔަތުގައި ކުރާ ކަންކަމާއި، ދައްކާ ވާހަކަތަކަކީ މީހާ ނަރަކަވަންތަވެރިއަކަށް ވުމަށް ފުދި އިތުރުވާނެ އަމަލުތަކެއް،” ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނި ގޮތުގައި މީސްތަކުންގެ ލޯބިން މަހްރޫމްވެފައިވާ މީހަކީ އަދި މިސްތަކުންނާއެކު ސުލްހަ މަސަލަސްކަން މަތީގައި ދިރިއުޅެން ނޭނގޭ މީހަކީ ހެވާއި ލާބައިން މަހްރޫމްވެފައިވާ މީހެކެވެ.
މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ، މީސްތަކުންނަށް ހެޔޮ ފޯރުވައި އެމީހުންގެ ކިބައިން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އެމީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
“މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުންނެވެ،” ހުތުބާގައި ބުނެފައިވެ އެވެ.
އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެ ގައުމުގެ ރައްޔިތުންގެ ސަފުތައް އެކަތިގަނޑަކަށްވެގެން ކަމަށް ބުނެ ހުތުބާގައި ވަނީ އެކަމަށް ނަސޭހަތްތެރިވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close