ރާއްޖޭގެ އެކި ރަށްރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކޮށް، ތެލަށް ކުރާ ހޭދަ ކުޑަކުރުމުގެ މަގުސަދުގައި ސްޓެލްކޯއިން ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެކު ޕަވަރ ޕާޗޭސް އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ "އެރައިޒް" މަޝްރޫޢުގެ ދަށުން ކުރިއަށްދާ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ގްރިޑް-ޓައިޑް ސޯލާ ޕީވީ ނިޒާމުތައް އަލަށް ގާއިމުކޮށް، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުމެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ދެ ލޮޓަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ސޯލާ ނިޒާމުތައް ފަރުމާކުރުމާއި، ބިނާކުރުމާއި، ފައިނޭންސްކުރުމުގެ އިތުރުން އެ ނިޒާމުތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ޗައިނާގެ ކުންފުނިން ކުރިއަށްދާނެއެވެ.
ފުރަތަމަ ލޮޓުގެ ދަށުން ހިމެނެނީ ލ. އަތޮޅުގެ 6 ރަށެކެވެ. އެއީ ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަަށް އަދި ލ. ދަނބިދޫއެވެ.
ދެވަނަ ލޮޓުގެ ދަށުން ތަފާތު އެކި އަތޮޅުތަކުގެ ރަށްތަކެއްގައި ސޯލާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫއެވެ.
މި މަޝްރޫޢު ފުރިހަމަވެގެން ދިއުމުން އެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް އިތުބާރުހުރި ދެމެހެއްޓެނިވި ގޮތެއްގައި ލިބިގެންދާނެއެވެ. އަދި ކާބަން ބޭރުކުރާ މިންވަރު ދަށްކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ ގައުމީ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ގަބޫލުކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...